އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ ސްކޫލަކަށް ދިން ހަމަލާތަކެއްގައި 40 ކުދިން މަރުވެ އެކިވަރުގެ އަނިޔާވި މީހުންގެ އަދަދު 52 ފަހަނައަޅައިފި އެވެ. އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނާ ގޮތުން މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ. ހަމަލާ ދިނީ ދަރިވަރުން ހަވީރު ސްކޫލް ނިންމާފައި ގެއަށްދާން ނުކުތް ވަގުތު އެވެ.
ސައިދުލް ޝުހާދާ ހައި ސްކޫލަށް ދިން ހަމަލާއާ ބެހޭގޮތުން ސްކޫލްގެ މުދައްރިސް، އަލީ ހާން ވިދާޅުވީ ފުރަތަމަ ގޮއްވާލީ ކާރު ބޮމެއް ކަމަށެވެ. އެއަށް ފަހު ސްކޫލަށް ދެފަހަރެއްގެ މަތިން ރޮކެޓުން ހަމަލާދިން ކަމަށެވެ.
އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ރޮއިޓާސްއިން ބުނީ ޒަމަހްތަކަށް ފަރުވާދިނުމަށް ދަރިވަރުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި ހަމަލާދިނީ ކޮންބަޔަކު ކީއްވެގެންކަން އަދި ނޭނގޭ ކަމަށެވެ. މިހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެ އެވެ. ތާލިބާނުން ބުނީ ގުޅުމެއް ނެތް ކަމަށާއި ހަމަލާ ކުށްވެރިކުރާ ކަމަށެވެ.
އަފްގާނިސްތާންގައި މިއީ ނުރައްކާތެރި ދުވަސްކޮޅެކެވެ. އެގައުމުގައި ތިބި އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިން ގައުމުން ބާމަލުން އަންނައިރު ތާލިބާނުން އުނދަގޫކޮށް ހަމަލާދޭނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އަފްގާން އޮފިޝަލުން ބުނާ ގޮތުން ތާލިބާނުންގެ ދުއްތުރާ ޖެހޭނެ ކަމުގެ ކުލަވަރު މިހާރު ވެސް އެބަ ފެނެ އެވެ.
ކާބުލްގައި ސައިދުލް ޝުހާދާ ހައި ސްކޫލް ހުންނަ ހިސާބަކީ ޝީއީން ގިނަ ސަރަހައްދެކެވެ. މިސަރަހައްދުގެ ތަންތަނަށް ދޭތެރެ ދޭތެރެއިން އައިއެސްއެސްގެ ހަނގުރާމަވެރިން ހަމަލާދެ އެވެ.