ދުނިޔެ

ސޯދިގު ޚާން ލަންޑަން މޭޔަރުކަމަށް ދެވަނަ ދައުރަށް

ލަންޑަންގެ މޭޔަރު ކަމުގައި މިހާރު ވެސް ހުންނެވި ސޯދިގު ޚާން ދެވަނަ ދައުރަށް ހޮވިވަޑައިގެންފި އެވެ. ސްކައި ނިއުސްއިން ބުނާ ގޮތުން ކޮންޒަވޭޓިވް ޕާޓީން ކުރިމަތިލެއްވި ޝޯން ބްރައިލީއާ ވާދަ ކުރައްވައި ސޯދިގު 1.013،721 ވޯޓް ހޯއްދެވި އެވެ. ބްރައިލީއަށް ލިބިވަޑައިގަތީ 893،051 ވޯޓެވެ.

ސޯދިގު ޚާން ލަންޑަން މޭޔަރު ކަމަށް ފުރަތަމަ ހޮވިވަޑައިގަތީ 2016 ވަނަ އަހަރު އެވެ. މިއީ މުސްލިމަކަށް ލަންޑަންގެ މޭޔަރުކަން ލިބުނު ފުރަތަމަ ފަހަރެވެ. އަދި ބައިމަދު ޖަމާއަތަކުން ލަންޑަންގެ މޭޔަރު ކަމަށް ބޭފުޅަކު އައްޔަން ކުރެވުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

ސޯދިގު ޚާން ނިސްބަތްވެ ވަޑައިގަންނަވަނީ ޕާކިސްތާނަށެވެ. އޭނާއަކީ ސުންނީ މުސްލިމެކެވެ. އޭނާ ވަނީ ޓައިމް މަޖައްލާއިން ހޮވާ ދުނިޔޭގައި އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުން ޖާގަ ހޯއްދަވާފަ އެވެ.

އިނގިރޭސިވިލާތުގައި ޚާން އަކީ މަޝްހޫރު ބޭފުޅެކެވެ. ޚާއްސަކޮށް ލަންޑަންގެ ތަރައްގީއަށް އަދި ދަތުރުފަތުރުގެ ނިޒާމަށް ބަދަލު ގެންނަވައި އަގުތައް ކޮންޓްރޯލް ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އޭނާ ދަރަޖަ ވަނީ އާންމުގެ މެދުގައި އުފުލިފަ އެވެ. އެހެން ނަމަވެސް ލަންޑަންގައި ހިންގާ މާރާމާރީއާ އަދި ތޫނު ހަތިޔާރުން ހަމަލާ ދިނުން ގިނަވެފައިވުން ވަނީ އޭނާގެ ބަލިފަޔަށެވެ.

މިފަހަރު ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރައްވަމުން ސޯދިގު ޚާން ޓްވީޓާއަށް ނިކުމެ ވަޑައިގެން ވަނީ އުފާފާޅުކުރައްވާފަ އެވެ. ވިދާޅުވީ ލަންޑަނަށް ޚިދުމަތް ކުރެއްވުމަކީ އުފަލެއް ކަމަށާއި ހެޔޮ ބަދަލު ގެނެސް ދެއްވާނެ ކަމަށެވެ.