ހަބަރު

އަޅުގަނޑު ވަކިކުރި ކަމަށް ވާހަކަ ދައްކަނީ އެމްއޭސީއެލްގެ ބަޔަކު: ސަލީމް

އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު ކަމުން، ބަންދު އިބްރާހިމް ސަލީމް ވަކި ކުރި ކަމަށް އަޑު އަރުވައިގެން އުޅެނީ ކުންފުނީގެ ތެރެއިން ބަޔަކު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސަލީމް އެ މަގާމުން ވަކި ކުރި ކަމަށް އަޑުފެތުރިފައިވާތީ އަވަސް އިން ސުވާލުކުރުމުން ސަލީމް ވިދާޅުވީ އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއް މިހާތަނަށް ސަރުކާރުން އެއްވެސް ސިފައެއްގައި އޭނާ އަށް އަންގާފައި ނެތް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވި ގޮތުގައި އެފަދަ ވާހަކަތައް ފަތުރައިގެން އުޅެނީ އެމްއޭސީއެލްގެ ތެރެއިން އޭނާ ބޭރުކޮށްލަން ބޭނުންވާ ބަޔެކެވެ. އަދި އެފަދަ ކަންކަން ހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން. ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނޭނގޭ. ކުންފުނީގެ ތެރެއިން ތިކަހަލަ ވާހަކަތައް ބަޔަކު ފަތުރާނެ. އެކަހަލަ މީހުން ވެސް އުޅޭނެ،" ސަލީމް ވިދާޅުވި އެވެ.

ކުންފުނީގެ ބޯޑުތަކުން މީހުން ވަކި ކުރުމުގެ ގާނޫނީ ބާރު އޮންނަ، ޕްރައިވެޓައިޒޭޝަން ކޮމިޓީގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ ސަލީމް އެ މަގާމުން ވަކި ކުރަން ސަރުކާރުން އަދި މިހާތަނަށް އެ ކޮމިޓީއަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ރައީސް އޮފީހުގެ އޮފިޝަލަކު ވެސް ވިދާޅުވީ އެފަދަ ކަމެއް އަދި ނުހިނގާ ކަމަށެވެ.

އެމްއޭސީއެލްގެ އެމްޑީ ސަލީމް ދާދި ފަހުން ވަނީ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެގޮތުން އޭނާ މުވައްޒަފުންނާ މުއާމަލާތް ކުރާ ގޮތުގެ މައްސަލަ ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެ ކޮމިޓީއަކީ ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ ކޮމިޓީ އެކެވެ.