ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑުން ރަނގަޅުވާ ބައެއް މީހުނަށް ލޯ އަނދިރިވާ ބައްޔެއް!

އިންޑިޔާގެ މަހަރަޝްތުރާ އާއި ގުޖްރާތުގައި ކޮވިޑް އިންފެކްޝަން ޖެހި ރަނގަޅުވާ މީހުންގެ މެދުގައި ސީރިއަސް އަދި މަދުން ނޫނީ މިހާތަނަށް ދުނިޔޭން ނުފެންނަ ފަންގަލް އިންފެކްޝަނެއް ކަމަށްވާ މިއުކޯމައިކޯސިސް ކިޔާ ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައިފި އެވެ.

މި ބަލި ޖެހޭ މީހުން ލޯ އަނދިރިވުމުގެ އިތުރުން އެނޫން ވެސް ބޮޑެތި ސިއްހީ މައްސަލަތަކާ އެމީހުންނަށް ކުރިމަތިވާ ކަމަށް މަހަރަޝްތުރާ އާއި ގުޖްރާތުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ސޫރަތުގައި ހުންނަ ކިރަން ސުޕަ މަލްޓީ-ސްޕެޝަލިސްޓީ ހޮސްޕިޓަލުގެ ޗެއާމަން މާތޫރު ސަވާނީ އިންޑިއާ ޓުޑޭ ނޫހަށް ވިދާޅުވެފައިވާ ގޮތުގައި މިއުކޯމައިކޯސިސް ޖެހިފައިވާ މީހުން ގުޖްރާތުގެ އެކި ހިސާބުތަކުން އޭނާގެ ހޮސްޕިޓަލަށް އަންނަމުންދާ ކަމަށެވެ.

"މިއުކޯމައިކޯސިސް ބަލި ޖެހިފައިވާ 50 މީހަކަށް ފަރުވާ ދީފިން. އިތުރު 60 މީހަކު އަދި ފަރުވާގެ އިންތިޒާރުގައި އެބަތިބި،" ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް ދިން އިންޓަވިއު އެއްގައި ސަވާނީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާތަނަށް މި ބައްޔަށް ފަރުވާ ހޯދި ބަލިމީހުންގެ ތެރެއިން ހަތް މީހެއްގެ ލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ. އަދި މި ބަލި ޖެހިގެންދާ މީހުންނަށް ހާއްސަކޮށް ހޮސްޕިޓަލުގައި އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ހޮސްޕިޓަލުގެ އިންޗާޖް ރެސިޑެންޓް މެޑިކަލް އޮފިސަރު ޑރ. ކޭތަން ނައިކް ވިދާޅުވި އެވެ.

އަސާރްވާ ސިވިލް ހޮސްޕިޓަލުގެ ސީނިއާ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި އަހުމަދުއާބާދުގައި ހުންނަ މި ހޮސްޕިޓަލުގައި އެކަނި ވެސް މިއުކޯމައިކޯސިސް ބަލި ޖެހިފައިވާ ފަސް މީހަކު ދުވާލަކު އޮޕަރޭޝަން ކުރާ ކަމަށް ވެއެވެ.

"ދުވާލަކު ފަސް މީހުންނާ 10 މީހުންނާ ދެމެދުގެ އަދަދެއްގެ ބަލި މީހުން އެބަ އާދޭ. މީގެ ތެރޭގައި ތިނައީ ދެ ވަނަ ރާޅުގައި ކޮވިޑް ޖެހުނު މީހުން. މީގެ ތެރެއިން ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ލޮލަށް. އަދި ގިނަ ބަޔަކު ވަނީ ލޯ މުޅިން އަނދިރިވެފައި،" ޑޮކްޓަރު ވިދާޅުވި އެވެ.

މަހަރަޝްތުރާގައި ވެސް ކޮވިޑް ޖެހި ރަނގަޅުވީ މީހުންގެ ތެރެއިން އަށް މީހަކު ވަނީ މިއުކޯމައިކޯސިސް ބަލި ޖެހިގެން ލޯ އަނދިރިވެފަ އެވެ. އަދި މި ބައްޔަށް 200 މީހުންނަށް މިހާރު ފަރުވާ ދެމުން އެބަގެންދެ އެވެ.

"އެމީހުންނަށް ކޮވިޑް-19 ޖެހި އެ ބަލިން ސަލާމަތް ވެވުނު ނަމަވެސް އެމީހުންގެ ބަލިކަށި ވެފައިވާ ދިފާއީ ނިޒާމަށް މި ފަންގަލް އިންފެކްޝަން ހަމަލަ ދީ ބަލި ޖައްސަނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

މިއުކޯމައިކޯސިސް އަކީ ދުނިޔެއަށް އާ ބައްޔެއް ނޫނެވެ. ނަމަވެސް ކޮވިޑް-19 ޖެހޭ މީހުންގެ މެދުގައި މި ބަލި އިތުރުވެފައިވަނީ އޭގެ ތެރެއިން ބައެއް މީހުންނަކީ ދިގު މުއްދަތަކަށް ސްޓްރޮއިޑް ބޭނުންކުރާ ނުވަތަ ކޮށްފައިވާ މީހުންނަށް ވާތީ ނުވަތަ ހަކުރު ކޮންޓްރޯލް ނުކުރެވި ހަކުރު ލެވެލް މަތީގައި ހުރި މީހުންނަށް ވާތީ ނުވަތަ އެނޫން ވެސް ދިފާއީ ނިޒާމު ބަލި ކުރިންސުރެ ބަލިކަށިވެފައިވާ މީހުންނަށް ވާތީ ފަސޭހައިން މި ބައްޔަށް އެމީހުންގެ ހަށިގަނޑުގައި އިންފެކްޝަން ޖެއްސޭ ގޮތް މެދުވެރިވާތީ އެވެ.

މި ބަލި ޖެހޭ މީހުންގެ ތެރެއިން ބައެއް މީހުންގެ އެއް ލޯ ނަގަން ޖެހިފައި ވެސް އެބަހުރި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ބްލެކް ފަންގަސް"ގެ ނަމުން މަޝްހޫރުވެފައިވާ މި ފަންގަސް އަކީ މާހައުލުގައި އުޅޭ އެއްޗެކެވެ. ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ހިނގާބިނގާވެ ނޫޅެވޭ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

މިއުކޯމައިކޯސިސް ޖެހިފައިވާ ކަމުގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ހުން އައުން، ލޮލުގެ ތިރީ ބައިގައި ރިއްސުން، ނޭފަތް ނުވަތަ ސައިންސް ބްލޮކްވުން، ލޮލުގެ ފެނުން ކޮންމެވެސް ވަރަކަށް ދަށްވުން ހިމެނެ އެވެ.
މި ބައްޔަށް ފަރުވާ ކުރަނީ 21 ދުވަސް ވަންދެން އިންޖެކްޝަނެއް ޖަހައިގެންނެވެ.

މި ބަލީގެ އަލާމާތްތައް އާއްމުގޮތެއްގައި ފެންނަނީ ބަލިން ރަނގަޅުވާތީ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް މި ފަހަކަށް އައިސް ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ފަރާތުން ވެސް މި ބަލީގެ އަލާމާތްތައް ފެންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މި ބަލި ޖައްސަނީ މިއުކޯ ކިޔާ ފަންގަސް އަކުންނެވެ. މި ފަންގަސް ހުންނަނީ ތެތް ސާފަސް ތަކުގަ އެވެ. މި ބަލި އާއްމުވެފައިވަނީ ހަކުރުބަލި ހުންނަ މީހުންގެ މެދުގަ އެވެ. ހަކުރުނެތް މީހަކަށް މި ބަލި ވަރަށް ނުޖެހޭ ކަމަށް ވެއެވެ.