ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގާ އިމާރާތުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހަމަލާއާ ގުޅިގެން ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭ ހުރިހާ ދިމާލެއް ފާހަގަކޮށް އެތަނުގެ ސެކިއުރިޓީއަށް ބަދަލުތަކެއް ގެނެސް ސެކިއުރިޓީ މިހާރު ވަރުގަދަ ކޮށްފައިވާނެ ކަމަށެވެ. އެކަމަކު ސެކިއުރިޓީ ވަރުގަދަ ކުރަން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން އިތުރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ގާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި އެ ގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ. އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރާން ވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ، ސިފައިން ބެލެހެއްޓި ނަމަވެސް މަޖިލީހުގެ ޗެމްބަރަށް ސިފައިންނަށް ވަދެވެނީ މަޖިލީހުގެ ރައީސްގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާއިރު ޗެމްބަރުގެ ސެކިއުރިޓީ ބަލަހައްޓަވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެވެ. އެކަމަކު މަޖިލީހުގެ ރައީސް އަށް އަމާޒުކޮށް ހަމަލާ ދީފައި މިވަނީ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އެތަނުގެ މުވައްޒަފުންނާއި އާންމުންނަށް މިހާރު ވެސް ވަދެވެނީ އެ އިމާރާތުގައި ބަހައްޓާފައި ހުންނަ ޑިޓެކްޓިވް މެޓަލް ގޭޓަކުން އެ މީހަކު ސްކްރީން ކުރުމަށްފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ސިފައިން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަން މަޖލީހުގެ މުވައްޒަފުންނަށް ވެސް މިއަދު ވަނީ އަންގާފަ އެވެ. މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މިއަދު މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރައްވާ މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަން އެންގެވި ނަމަވެސް އެކަމުގެ ތަފްސީލް އީވާ ވެސް ހިއްސާ ކުރައްވާފައެއް ނުވެ އެވެ. މިބައްދަލުވުމުގައި އީވާ ވަނީ މަޖިލީހުގެ ރައީސްގެ ހާލުކޮޅާ ގުޅޭގޮތުން ވެސް މުވައްޒަފުންނަށް މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރައީސް ނަޝީދަކީ ސިފައިން ސެކިއުރިޓީ ދޭ ބޭފުޅުންގެ ތެރެއިން އެންމެ ހައި ރިސްކު ބޭފުޅާ ކަމަށެވެ. ރައީސް ނަޝީދަށް އަބަދުވެސް އިންޒާރު ލިބޭ ކަމަށާއި އެ މައުލޫމާތު ސިފައިންގެ އިންޓެލިޖެންސަށް ލިބޭ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނީ ކާރުކޮޅަށް އަރާ ވަޑައިގަންނަވަން އުޅުއްވަނިކޮށް ނީލޯފަރު މަގާއި މަޖީދީ މަގު ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލުމާ ގުޅިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު ބައެއް ސާޖަރީތައް ހެދުމަށްފަހު އެމަނިކުފާނަށް މިވަގުތު ފަރުވާ ދެމުން ދަނީ އޭޑީކޭގެ އައިސީޔޫގަ އެވެ. ހަމަލާގައި ރައީސް ނަޝީދު އިތުރުން ސިފައިންގެ ތިން ބޭފުޅުންނާއި އާންމުންގެ މީހަކާއި ފަތުރުވެރިޔަކަށް އަނިޔާ ލިބިފައިވެ އެވެ.
ރައީސް ނަޝީދަށް ހަމަލާ ދޭން ފުރުސަތު ލިބުނީ ސެކިއުރިޓީގެ ކޮން މައްސަލަތަކެއް ދިމާވެގެން ކަން ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ވެސް ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. އަދި ހަމަލާއާ ގުޅޭ މައުލޫމާތު ދުރާލާ ލިބިފައިނުވާތީ އިންޓެލިޖެންސް އޮޑިޓެއް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.