ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް ހުރި މީހާ އަތުލައިގަނެވުނީ އާންމު މީހަކު ހިއްސާކުރި މައުލޫމާތަކުން ކަމަށް ފުލުހުން ބުނެފި އެވެ.
ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި އެންމެ އިސް މީހަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދު (26 އ) އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަދުހަމް ހައްޔަރުކުރީ މިއަދު ފަތިހު 4:25 ހާއިރު އޭނާ ދިރިއުޅޭ ފްލެޓް (95-ޖީ-02) ގައި ހުއްޓާ ކަމަށެވެ.
އަދުހަމް ހައްޔަރުކުރެވުނީ އާންމު މީހަކު ފުލުހުންނަށް ހިއްސާ ކުރި މައުލޫމާތަކާ ގުޅިގެން ކަމަށްވާތީ އެ މީހާއާ ބައްދަލުކޮށް ފުލުހުން އެ މީހާ އަށް ޝުކުރު އަދާކޮށްފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ. ހަމަލާއާއި ގުޅިގެން ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދުމުން ވަރަށް ގިނަ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ހަމަލާ ދިން މީހަކީ އަދުހަމް ކަން އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފްޓޭޖު ބެލުމުން ޔަގީންކުރެވިފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ހަމަލާއަށް ފަހު އެހެން މީހުންގެ ފަރާތުން ހަރަކާތްތައް ފެނުނު ގޮތާއި އަދުހަމުގެ އަމަލުތައް ހުރި ގޮތުން ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ފުލުހުން ވަނީ ހަމަލާ ދިން ވަގުތު އަދުހަމުގެ ހަރަކާތްތައް ހުރި ގޮތް ދައްކުވައިދޭ ވީޑިއޯ އަކާއި ފޮޓޯ ތަކަކާއި އަދި ހަމަލާ އަށް ފަހު އޭނާ ދަތުުރުކުރި ގޮތް އަންގައިދޭ ޗާޓެއް އާންމުކޮށްފަ އެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި ހަމަލާ ދިނުމުގެ ކުރިން މަޖީދީ މަގުގައި ހުންނަ އަތަމާ ހޮޓަލާ ގުޅިފައިވާ ގޯޅިގަނޑުގައި އަދުހަމް ހުރެގެން ފޯނުން މީހަކާ ވާހަކަ ދައްކާ މަންޒަރު ފެނެ އެވެ. އޭނާ ފޯނުން ވާހަކަދައްކަން ހުންނަނީ ފާރުގައި އެއް ފައި ޖައްސާލައިގެން ކޮޅަށެވެ.
ރިޔާޒު ވިދާޅުވީ ފާރުގައި ހުރި ފުޓް ޕްރިންޓް ފުލުހުން އެނަލައިޒް ކުރުމުން އަދުހަމްގެ ފައިގެ ފްޓް ޕްރިންޓާ ދިމާވެފައިވާ ކަމަށެވެ. އަދި މިހަމަލާއާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ދެ މީހުންނާ ވެސް އަދުހަމް މުއާމަލާތް ކޮށްފައި ހުރި ކަންވެސް ރިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމަލާ އަށް ފަހު އަދުހަމް ވަނީ މިހަމަލާގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ އަހްމަދު މުޖާޒާއި ބައްދަލުކޮށް ދެ މީހުން އެކުގައި މާލޭގެ އެތައް ސަރަހައްދަކަށް އެކުގައި ގޮސްފަ އެވެ. އެ މަންޒަރުތައް ވެސް ފުލުހުން މިއަދު ވަނީ ހިއްސާކޮށްފަ އެވެ. އަދި މި ތިން މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރުމުން ހަމަލާއާއި ގުޅުން ހުރި ބައެއް ތަކެތި ފެނިފައިވާ ކަން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.