ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ޝާމިލްވާ މީހުންގެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވަކާލާތު ކުރައްވަން ނިންމަވައިފި އެވެ.
މިކަން އެންމެ ފުރަތަމަ ހާމަކުރެއްވީ މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ޝާމިލްވާ މީހުންގެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ޕީޖީ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނަށް އަންގަވާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އަވަސް އިން މިރޭ ގުޅުމުން ޕީޖީ ޝަމީމް ވިދާޅުވީ މައްސަލައިގެ ސީރިއަސް ކަމަށް ބަލާއިރު ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ ދައުލަތުގެ ޕްރޮސެކިއުޓަރެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.
"މައްސަލައިގެ ކަންކަން އަދި ޝަރީއަތް ކުރިއަށްދާ ގޮތަށް ބަލާފައި މިމައްސަލާގައި ވަކާލާތު ކުރަންޖެހޭ ކޮންމެ މަރުހަލާއެއްގައި އަޅުގަނޑު ވަކާލާތު ކުރާނަން. ރައީސް އެ ވިދާޅުވަނީ ރަނގަޅު ވާހަަކައެއް،" ޕީޖީ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 2007 ވަނަ އަހަރު ހއ. ހޯރަފުށީގައި ދިން ހަމަލާއާއި ގުޅިގެން ދައުލަތުން އޭރު ދައުވާ ކުރި މީހާއާ ދެކޮޅަށް ދައުލަތުގެ ވަކީލެއްގެ ގޮތުގައިވެސް މީގެ ކުރިން ޕީޖީ ޝަމީމް ވަކާލާތު ކުރައްވާފަ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕީޖީ ހުސައިން ޝަމީމް އަދި މިހާތަނަށް ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ހައިކޯޓާއި ސުޕްރީމް ކޯޓުގައި ޕީޖީގެ ހައިސިއްޔަތުން އެމަނިކުފާނު ވަކާލާތު ކުރައްވާފައިވެ އެވެ.
ފުލުހުންގެ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރާ މީހުންނަށް މިހާރުވެސް ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.