ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ދެވުނީ އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަކީ މިހާތަނަށް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އެންމެ ފަހުގެ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރެއްވުމުގެ ގޮތުން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅު ފެއްޓެވީ ވެސް ރައީސް ނަޝީދަށް ދެވުނު ހަމަލާ އަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް ކަން ފާހަގަކުރައްވާ އެ އަމަލު ކުށްވެރިކުރެއްވުމަށްފަހު އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނުމާ އެކު އެ މައްސަލަ އަވަހަށް ތަހުގީގުކޮށް ހަމަލާ ދިނުމުގައި ޝާމިލްވީ އެންމެން ހޯދުމަށް ސަލާމަތީ ހިދުމަތްތަކަށް އެންގެވި ކަމަށެވެ. އަދި ހަމަ އެރޭ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކާއި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ވެސް ހަމަލާ ދިން ރޭ ބޭއްވި ކަމަށާއި އެ ޖަލްސާ މިވަގުތު އޮތީ މެދުކަނޑާލެވިފައި ކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

މިވަގުތު ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ހަމަލާ ދިން މީހުން ހޯދާ ވީހާވެސް އަވަހަށް އިންސާފުގެ ކުރި މައްޗަށް ގެނައުން ކަމުގައި ރައީސް ވިދާޅުވި އެވެ. ތަހުގީގުގައި ބޭރުގެ ޓީމުތަކާ އެކު ހުރިހާ ވަސީލަތެއް ބޭނުންކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ތަހުގީގު ކުރިއަށްދާ ގޮތް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ ހަމަލާއާއި ގުޅުންހުރި ތިން މީހަކު ހައްޔަރުކޮށް، ތަހުގީގުގައި ސުވާލުކުރަން ބޭނުންވާ މީހުންނާ ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. ގޮއްވާލާފައިވާ އައިއީޑީއާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް ވެސް ވަނީ ހޯދާފަ އެވެ.

ރައީސް ވިދާޅުވީ ހަމަލާއާއި ގުޅިގެން ކުރިއަށްދާ ތަހުގީގަކީ ފުރިހަމަ ތަހުގީގަކަށް ހެދުމަށްފަހު މިކަމުގައި ޝާމިލުވާ އެންމެން ހައްޔަރުކޮށް ވީހާވެސް އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ރައީސް ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ތަހުގީގާ ގުޅޭ ކޮންމެ ކުރިއެރުމެއްގެ މައުލޫމާތު އެމަނިކުފާނާ ވަގުތުން ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކޮންމެ 24 ގަޑިއިރަކުން އެއް ފަހަރު ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުންގެ އިދާރާއިން މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރާނެ ކަމަށެވެ.

"މިތަހުގީގަށް ބޭނުންވާ ކޮންމެ ކަމެއްގައި އެމްއެންޑީއެފްގެ އެހީތެރިކަން ވެސް ދަނީ ލިބެމުން. މި ޕާޓީގެ ފަރާތުން އަދި ޕީޖީގެ ފަރާތުން މިތަހުގީގަށް އެހީތެރިވުމަށް ހާއްސަ ޓީމެއް ވަނީ އެކުލަވާލާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިއަދު ވަނީ ރައީސް ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވާ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރައްވާ ހާލުކޮޅު ހުރި ގޮތް އޮޅުންފިލުއްވާފަ އެވެ.

"އެމަނިކުފާނުގެ އަމިއްލަފުޅު ބައެއް ވާހަކަފުޅުތަކާއި ބޭސްފަރުވާއާ ބެހޭ ގޮތުންނާއި ބައެއް އިތުރު ވާހަކަތައް އަޅުގަނޑާ ހިއްސާކުރެއްވި. އަޅުގަނޑަށް ފާހަގަވެގެން ދިޔައީ އެމަނިކުފާނުގެ ހިތްވަރާއި އަޒުމަށް ކުޑަވެސް ބަދަލެއް ނާންނަކަން،" ބައްދަލުވުމުގެ ތެރެއިން ފާހަގަކުރެއްވުނު ކަންކަން ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ހަމަލާއާއި ގުޅިގެން ސެކިއުރިޓީއާއި އިންޓެލިޖެންސްގެ ކަންކަން ރޭވިފައިވާ ގޮތް މުރާޖައާ ކުރަންޖެހޭ ކަމަށް އެމަނިކުފާނަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ އޮޑިޓެއް ހެދުމަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގައި އެދިވަޑައިގެންފައިވާ ކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭ ބޭފުޅުންގެ ސެކިއުރިޓީ ރޭވިފައިވާ ގޮތުގެ ރިޕޯޓެއް ފޮނުވައިދިނުމަށް ރޭގައި އެމްއެންޑީއެފްގައި އެދިވަޑައިގެންފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އެމަނިކުފާނު މިރޭ ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިން ރައީސް ނަޝީދުގެ ސެކިއުރިޓީ ރޭވިފައިވާ ގޮތުގެ ރިޕޯޓެއް ލިބިވަޑައިގެންނެވި ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ޓެރަރިސްޓުންގެ ބޭނުމަކީ އަޅުގަނޑުމެންގެ ތެރޭގައި ބިރުވެރިކަން އުފައްދާ، އަމަންއަމާންކަން ނަގާލައި ސުލްހަވެރިކަން ނެތިކޮށްލުން ކަމަށެވެ. އަދި ޝައްކު އުފައްދާ، ގައުމު ފިތުނަ ފަސާދައިގެ ތެރެއަށް ވައްޓާލައި މުޖުތަމައުގެ ތެރޭގައި އޮތް ބަދަހި ސަފުތައް ރޫޅާލުމަކީ ވެސް ޓެރަރިސްޓުންގެ ބޭނުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މިޕާޓީ އަކުން އެކަން އެގޮތަށް ވިޔަކައެއް ނުދޭނެ. މިސަރުކާރުން އެކަން އެގޮތަށް ކުރާކަށް ފުރުސަތެއް ވެސް ނުދޭނެ. އަދި މިޕާޓީގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވެސް އެފަދަ އަމަލުތަކަށް ޖާގައެއް ނުދޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް އިންސާފަށް ލޯބި ކުރާ އަދި ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަށް ތާއީދުކުރާ ޕާޓީއެއް ކަމަށެވެ. ކޮންމެ ފުރާނަ އަކީ ވެސް އަގުހުރި އެއްޗެއް ކަން ދަނެ އެކަމަށް އެމްޑީޕީން އަބަދުވެސް އިހްތިރާމު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއީ އެއްވެސް ޒަމާނެއްގައި އެއްވެސް ހާލެއްގައި ބަދަލެއް އަންނާނެ ސިޔާސަތުތަކެއް ނުވަތަ ވިސްނުމެއް ނޫން. މިއީ އަޅުގަނޑުމެން އިހުނަށްވުރެ ބާރުލާފައި ކުރިއަށް ވުރެ އަޑުހަރުކޮށް އާ އަޒުމުގައި އާ ހިތްވަރަކާ އެކު ތެދުވަންވީ ވަގުތު،" އެމްޑީޕީގެ މެންބަރުންނަށް ހިތްވަރު ދެއްވަމުން ވިދާޅުވެފައިވެ އެވެ.