ފިނިޕޭޖް

ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ އާ ފިލްމު ކަމުދާވަރެއް ނުވި

އެ ފިލްމަކީ "ބައި ދަ ސީ" އެވެ. މިއީ ޕިޓް އާއި ޖޯލީ ދެ ލޯބިވެރިންނަށް ބަދަލުކޮށްލި މަޝްހޫރު ފިލްމު "މިސްޓަ އެންޑް މިސިސް ސްމިތު" އަށް ފަހު މި ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އެންޖެލީނާ ޖޯލީ އެވެ. މިއީ "ދަ ލޭންޑް އޮފް ބްލަޑް އެންޑް ހަނީ" އާއި މިދިޔަ އަހަރު ޑައިރެކްޓްކުރި "އަންބްރޯކެން" އަށް ފަހު ޖޯލީ ޑައިރެކްޓްކުރި ފުރަތަމަ ފިލްމެކެވެ.

"ބައި ދަ ސީ" އަކީ ރޮމޭންޓިކް ޑްރާމާ އެކެވެ. ފިލްމުގައި ޖޯލީ ކުޅެފައި ވަނީ ވެނެސާ ނަމަކަށް ކިޔާ ކުރީގެ ޑާންސަރެއްގެ ރޯލެވެ. ޕިޓް ކުޅެފައި ވަނީ ވެނެސާގެ ފިރިމީހާ ރޮނަލްޑްގެ ރޯލެވެ. އޭނާ އަކީ ލިޔުންތެރިއެކެވެ. ފިލްމުގައި ދައްކުވައި ދެނީ 1970ގެ އަހަރުތަކެވެ. ފްރާންސެވެ.

މިއީ މި ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވެ ލޯބި މަރުވެދާނެހެން ހީވާތީ އެ ގުޅުން އަލުން އިއާދަކުރުމަށް ދެ މީހުން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. އެމީހުންގެ ގުޅުން އެންމެފަހުން ސަލާމަތްކުރެވުނަސް ފާޑުކިޔުންތެރިންގެ ހަމަލާތަކުން މި ފިލްމު ސަލާމަތެއް ނުވެ އެވެ.

އެގޮތުން މަޝްހޫރު ހޮލީވުޑް ރިޕޯޓާ އާއި ފިލްމީ ޚަބަރުތަކަށް މަޝްހޫރު ވެރައިޓީ އާއި ސްކްރީން ޑެއިލީ އަދި ދަ ރެޕް ފަދަ ވެބްސައިޓުތަކުން ވަނީ މި ފިލްމަށް ނިކަން ބޮޑަށް ފާޑުކިޔައިފަ އެވެ. ބައެއް ރިވިއުތަކުގައި ބުނެފައި ވަނީ ޖޯލީ އާއި ޕިޓް ފަދަ ބޮޑު ދެ ތަރިން ފިލްމުން ފެނިގެން ދިޔަ ނަމަަވެސް ފިލްމުން އޭގެ އެއްވެސް މޮޅުކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ޖޯލީގެ މި ޑައިރެކްޝަނަށް މާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އޭނާގެ ފުރަތަމަ ޑައިރެކްޝަން "އިން ދަ ލޭންޑް އޮފް ބްލަޑް އެންޑް ހަނީ" އަކީ ފާޑުކިޔުންތެރިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވެސް 303 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މިދިޔަ އަހަރު ނެރުނު "އަންބްރޯކެން" އަކީ ވެސް ފުދޭވަރަކަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 161 މިލިއަން ޑޮލަރު ލިބުނެވެ.