ބޮލީވުޑް

ވިހެއުމާ ގުޅިގެން ޑިޕްރެޝަން މައްސަލަތައް ބޮޑުވި: ސަމީރާ ރެޑީ

ފުރަތަމަ ދަރިފުޅު ހަންސް ވިހެއުމާއެކު ޑިޕްރެޝަންގެ މައްސަލަތައް އިންތިހާއަށް ބޮޑުވިކަމަށް ސަމީރާ ރެޑީ ބުނެފި އެވެ.

"ހިއުމަންސް އޮފް ބޮމްބޭ"ގައި ސަމީރާ ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ބޮލީވުޑް ބަތަލާއެއްގެ ގޮތުގައި ހުރެފައި ކުއްލިއަކަށް ބަލިވެ އިނދެ ބަނޑުއިންތިހާއަށް ފުފި މީހާގެ ބަރުދަން ވެސް 105 ކިލޯ އަށް ވުރެ މައްޗަށް ދިޔަ ކަމަށެވެ. ޝޭޕް ގެއްލި ސިފަ ގެއްލިދާނެކަމަކަށް ބަނޑުބޮޑުވުމުގެ ކުރިން އޭނާ ހިއެއް ނުކުރެ އެވެ. ސަމީރާ ހީކުރީ ބަނޑުގެ ފޮޓޯ ނަގާފައި ސޯޝަލް މީޑިއާ އަށް ލައިގެން ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބޭނެ ކަމަށެވެ.
ނަމަވެސް އަމިއްލަ ސިފަޔަށް އައި ބަދަލުން ކަންބޮޑުވާން ފަށައި ވިހެއުމާއެކު ޑިޕްރެޝަންގެ އަނދިރި ވަޅުގަނޑަކަށް ވެއްޓުނުކަމަށް ސަމީރާ ބުންޏެވެ.

"އަހަރެން އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވި ޑިޕްރެޝަން އަށް ގޮސް ހުސްވެފައި އިންއިރު ދަރިފުޅުގެ ޑައިޕާ ބަދަލުކުރުމުން ފެށީގެން ބުއްފުޅިދިނުމާއި އެހެނިހެން ކަންކަން ވެސް ކުރަނީ ފިރިމީހާ އަކްޝައި ވަރްދީ،" ސަމީރާ ބުންޏެވެ.

އޭނާ ކަންބޮޑުވަނީ ކޮން ކަމަކާތޯ މައިދައިތަ ވެސް ވަރަށް ސުވާލުކުރާ ކަމަށާއި ނަމަވެސް އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ވެސް އޭރު އޭނާއަކަށް ނޭނގޭ ކަމަށް ވެސް ސަމީރާ ބުންޏެވެ.

"މައިދައިތަ ބުނާނެ ލިބުނު ދަރިފުޅުގެ ސިއްހަތު ރަނގަޅޭ، ފިރިމީހާ އެހާ އެހީތެރިޔޭ. ދެން ކޮން ކަމަކާހޭ ފިކުރު ބޮޑުވަނީ ތި. އެ ސުވާލުތަކުގެ ޖަވާބު ދޭކަށް އަހަންނަކަށް ނޭނގޭ. ވިހައިގެން ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް އައިސް ވެސް އަހަންނަށް ހަމަ ރޮވެނީ. އެއާއެކު ފިރިމީހާ އާ ދަރިފުޅުގެ ހުރިހާ ކަމެއް ހަވާލު ކުރެވޭތީ ދެރަވެސް ވޭ. އެކަމަކުވެސް ދަރިފުޅުގެ އެއްވެސް ކަމެއް ވެސް އަހަންނަކަށް ކޮށެއް ނުދެވޭ،" ސަމީރާ ކިޔައިދިނެވެ.

ސަމީރާ ބުނި ގޮތުގައި އޭނާގެ ޑިޕްރެޝަންގެ މައްސަލަތައް ވިހައިގެން އަހަރެއްހާ ދުވަސް ވަންދެން ރަނގަޅު ނުވެ ހުއްޓެވެ. އެ ދުވަސްތަކުގެ ތެރޭގައި އެއްވެސް ކަމެއް ނުވެ ވެސް ކުއްލިއަކަށް ހުރެފައި ރޮވިދާނެ އެވެ.

"އަހަރެންގެ ކަންބޮޑުވުންތައް ޚުދް އަހަރެންނަށް ވެސް ބަޔާން ކުރަން ނޭނގޭ. ފިލްމު އިންޑަސްޓްރީއާ އަހަރެންގެ ގުޅުން އޮތީ މުޅިން ކެނޑިފަ. އަހަރެން ފަލަވެގެން ގޮސް 105 ކިލޯ އަށް ބަރުދަން ހުރީ އަރާފަ. އިސްތަށި ބޮނޑިބޮނޑިއަށް ފައިބައި އަހަރެންގެ ބޮލުގެ ބައެއް ތަންތަނުން ނާށިގަނޑު ފެންނަން ހުރި. މި ހުރިހާ ކަމަކީ ވެސް އަހަރެންގެ ކަންބޮޑުވުންތައް،" ސަމީރާ ބުނެފައި ވެއެވެ.

އެންމެ ފަހުން ނަފްސާނީ މާހިރެއްގެ އިރުޝާދު ހޯދަން ސަމީރާ ނިންމި އެވެ. ޑިޕްރެޝަނުން އޭނާއަށް ސަލާމަތްވެވުނި އެ ޑޮކްޓަރު ބުނި ގޮތަށް އަމަލުކޮށްގެން ކަމަށް ސަމީރާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޑިޕްރެޝަނުން ސަލާމަތްވިއިރު އޭނާ އަކީ މުޅިން އާ މީހެއްގެ އިހްސާސް ވިއެވެ.
ސަމީރާ، 42، އަށް މިހާރު އިތުރު ކުއްޖެއް ވެސް ލިބިއްޖެ އެވެ. އޭނާގެ އަންހެންދަރިފުޅު ނައިރާ ވިހޭއިރު ސަމީރާ އަށް 40 އަހަރެވެ. ނަސީބަކުން ދެ ވަނަ ފަހަރަށް ވިހެއުމާ ގުޅިގެން އޭނާއަށް ޑިޕްރެޝަންގެ މައްސަލަތަކެއް ދިމައެއް ނުވެ އެވެ.

ސަމީރާ ބޮލީވުޑަށް ނުކުތީ 2002 ގައި ރިލީޒްކުރި "މައިނެ ދިލް ތުޖްކޯ ދިޔާ" އިންނެވެ. އޭގެ ފަހުން "ޑަރްނާ މަނާ ހޭ"، "މުސާފިރު"، "ރޭސް" ފަދަ ފިލްމުތައް ކުޅުނެވެ. "ތޭޒް" އާއި "ޗަކްރަވިޔު"އަކީ އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމުތަކެވެ. މި ދެ ފިލްމު ވެސް ރިލީޒްކޮށްފައިވަނ 2012 ގައެވެ.