ލައިފްސްޓައިލް

ހޮޑު ދެކެ ގަންނަ ބިރަކުން ގެއިން ނުނިކުންނަތާ ހަ އަހަރު

އެކި މީހުން އެކި ކަހަލަ ކަންކަން ކުރަން ބިރު ގަނެ އެވެ. އެއްބަޔަކު މަތިންދާބޯޓަށް އަރަން ބިރުގަންނައިރު ކަނޑު ދެކެ ބިރުގަންނަ މީހުން ވެސް އުޅެ އެވެ. މިގޮތަށް ބިރުގަންނަ މީހުންގެ ބިރު އެމީހުންގެ މުޅި ދިރިއުޅުން ކޮންޓްރޯލް ކުރެ އެވެ. އެކި ކަަހަލަ ދިރޭ އެއްޗެތި ދެކެ އާދަޔާޚިލާފަށް ބިރު ގަންނަ މީހުން ވެސް އުޅެ އެވެ.

އެމެޓެފޯބިއާ އަކީ ވެސް މިކަހަލަ ފޯބިއާ އެކެވެ. ނުވަތަ ބިރެކެވެ. އެމެޓޭފޯބިއާ މީހުން ބިރު ގަންނަނީ ހޮޑުދެކެ އެވެ. ހޮޑު ލެވިދާނެތީ އެވެ. ނުވަތަ އެހެން މީހަކު ހޮޑުލަނިކޮށް ފެނިދާނެތީ އެވެ. މި ފޯބިއާ އަކީ ވެސް ފާޑެއްގެ ހިތް ނުތަނަވަސް ކަމެކެވެ. އެންޒައިޓީ އެކެވެ. ބައްޔެކެވެ. ހޮޑޭ ބުންޏަސް މިފަދަ މީހުން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

މިކަހަލަ ބިރު އެކި މީހުން ގަންނަ މިންވަރު ތަފާތެވެ. ބައެއް މީހުން ބިރުން ގޮސް އެމީހުންގެ އާއްމު ދިރިއުޅުމަށް ވެސް އެކަމުން އަސަރު ކުރެ އެވެ. ނުވަތަ ދިރިއުޅުން މުޅިން ހުއްޓޭ ވަރަށް ބިރު ގަނެ އެވެ. އެމެރިކާގެ މީހެއް ކަމަށްވާ އެމާ ޑޭވިސް އަކީ މިގޮތަށް ހޮޑު ދެކެ އިންތިހާއަށް ބިރު ގަންނަ މީހުންގެ ތެރެއިން މީހެކެވެ.

އުމުރުން 35 އަހަރުގެ އެމާ އެމެޓެފޯބިއާ އާ ހަނގުރާމަ ކުރާތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. ހޮޑު ދެކެ ގަންނަ ބިރުން އެމާ ގެއިން ނުނިކުންނަތާ ވެސް މިހާރު ހަ އަހަރު ވެއްޖެ އެވެ.

އެމާ ބުނި ގޮތުގައި އެއްގޮތަކަށް ގެއިން ނުނިކުމެ އިނަސް އަބަދުވެސް ހޮޑު ލެވިދާނެތީ ނުވަތަ ހޮޑު ފެނިދާނެތީ ގަންނަ ބިރު ހިތުގައި އޮވެ އެވެ.

"ވަރަށް ގިނަ މީހުން ބިރު ގަންނާނެ ބަލި ބަލި ދެކެ. އަދި ބަލި ވެދާނެތީ. ނަމަވެސް އެފަދަ މީހުން ވެސް އެމީހުންގެ އެ ބިރާ ހެދި މުޅި ދިރިއުޅުން ހުއްޓުމަކަށް އަންނަ ވަރެއްނުވާނެ،" އެމާ ބުންޏެވެ.

މި ބިރުވެރިކަން މިހާރު ވަނީ ޑިޕްރެޝަން އަށް ބަދަލުވެފައި ކަމަށް އެމާ ބުންޏެވެ. އެހެންވެ ކޮޓަރިން ބޭރަށް ނުނިކުންނަތާ ވެސް ކިތަންމެ ދުވަހެއް ވެއްޖެ ކަމަށް އޭނާ ބުންޏެވެ.

ބިރުވެރިކަން ހިތުގައި އޮންނަލެއް ބޮޑުކަމުން އެންމެ މިނިޓެއް ވެސް އެކަމާ ނުވިސްނާ ނީނދެވޭ ކަމަށް ދެ ކުދިންގެ މަންމަ ބުންޏެވެ.

އެމާ ބުނި ގޮތުގައި ވަރަށް ކުޑައިރުއްސުރެ ވެސް ހޮޑަކީ އޭނާއަށް ވަރަށް ހިތްހަމަނުޖެހޭ އިހްސާސެއް ކުރުވާ އެއްޗެކެވެ. އެކަން ބޮޑު ބައްޔަކަށް ވީ މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެންނެވެ.

"ވަޒީފާއަށް ގޮސް އުޅޭއިރުވެސް ކުއްލިއަކަށް ޕެނިކް އެޓޭކެއް އަތުވެދާނެ ހޮޑު ލެވެން އުޅެނިއްޔޭ ހިތަށް އަރާފަ. ނޫނީ ބަހުގައި ދަތުރުކުރަނިކޮށް ކުއްލިއަކަށް ބަލިވެ ހޮޑުލެވެން އުޅެނިއްޔޭ ހީކޮށް ބިރުގަނެދާނެ. އެހާތަނުން ދެން ޖެހޭނީ މަސައްކަތްކުރާ ތަނުގައި ހުރިއްޔާ ވަގުތުން އެތަނަކުން ނުކުމެގެން ދާން. ބަހުގައި އިނަސް ޖެހޭނީ ވަގުތުން އެއިން ފައިބަން. އެހާވެސް ބިރުގަންނާނެ،" އެމާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.

މިހާތަނަށް ވަރަށް ސައިކޯތެރަޕީ ކަހަލަ ވަރަށް ގިނަ ފަރުވާތައް ވެސް ހޯދައިފި ކަމަށާއި ނަމަވެސް އެއްވެސް ފަރުވާއަކުން އާދައިގެ ދިރިއުޅުމެއް އުޅެވޭ ވަރަށް ރަނގަޅު ނުވި ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.