ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދެބެންގެ ގަދަ ހިތްވަރުން މަންމައެއްގެ ފުރާނަ ސަލާމަތްކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މަންމަގެ ފުރާނަ ސަލާމަތްކުރަން ޒުވާން ދެބެން ކަށިން ހިތްވަރުލާ ކުރި މަސައްކަތް ކާމިޔާބުވެއްޖެ އެވެ.

ޓައިމްސް އޮފް އިންޑިއާގައި މިކަމާ ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓުގައިވާ ގޮތުން މި ދެބެން ވަނީ އެމީހުންގެ ކާރުގައި ހަތަރު ދުވަސް ވަންދެން މަންމަ ބާއްވައިގެން މަންމައަށް އޮކްސިޖަން ފޯރުކޮށްދީ ފަރުވާ ހޯދައިދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ޕާޔަލް ސިންގް އާއި އޭނާގެ ކޮއްކޮ އާކާޝް އެމީހުންގެ އަވަށް ކަމަށްވާ ލަކިމްޕޫރު ކެރީ އިން ލަކްނޯ އަށް މަންމަ ގޮވައިގެން ކާރުގައި ދަތުރު ފެށި އެވެ. އެ ކުދިން މަންމަ ގޮވައިގެން ދަތުރު ފެށީ ގަވާއިދުން ޑައިލެސިސް ހަދަން ޖެހޭ މީހަކަށް ވާތީ ލަކްނޫގައި ހުންނަ ހޮސްޕިޓަލަށް ޑައިލެސިސް ހަދަން ގެންދިއުމަށެވެ.

އެގޮތަށް މަންމަގެ ޑައިލެސިސް ހަދަން މަންމަ ގޮވައިގެން 250 އަށް ވުރެ ގިނަ ކިލޯ މީޓަރަށް ހަފްތާއަކު ދެ ތިން ފަހަރަކު މި ދެބެން ދަތުރުކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް މިފަހަރުގެ ދަތުރުގައި މަންމަ ގޮވައިގެން އެ ކުދިންނަށް ހޮސްޕިޓަލަށް ދެވުނުއިރު މަންމަ އޮތީ ވަރަށް ގަދަޔަށް ހުން އައިސްފަ އެވެ. އެހެންވެ ކޮވިޑް ޓެސްޓް ހަދާފައި ނޫނީ އެޑްމިޓް ނުކުރެވޭނެ ކަމަށް ހޮސްޕިޓަލުން އެންގި އެވެ. އެހެންވެ ކޮވިޑް ޓެސްޓް ސާމްޕަލް ދީފައި އެރޭ މަންމަ ގޮވައިގެން އެކުދިން ހޭދަކުރީ ހޮސްޕިޓަލުގެ ޕާކިން ލޮޓުގައި ބާއްވާފައި އޮތް އެމީހުންގެ ކާރު ތެރޭގަ އެވެ. ކާރުގެ ފަހަތުގައި މަންމައަށް ރީތިކޮށް އޮވެވޭނެ ގޮތް ހަދާފައި ދެބެން ތިބީ ކުރީ ދެ ސީޓުގަ އެވެ. ކައިރީ ހިސާބުތަކުގައި ހުރި ކާ އެއްޗެތި ވިއްކާ ތަންތަނުން ކާއެއްޗެތި ގަނެގެން ކާލައިގެންނެވެ.

ތިމާގެ މީހެއްގެ ގެޔަކަށް ވެސް އެކުވެރިއެއްގެ ކައިރިއަކަށް ވެސް އަދި ހޮޓަލަކަށް ވެސް މަންމަ ގޮވައިގެން އެކުދިން ދާން ބޭނުމެއް ނުވި އެވެ. ސަބަބަކީ މަންމައަކީ ކޮވިޑަށް ޝައްކު ކުރެވޭ މީހަކަށް ވާތީ އެވެ. އޭގެ އަނެއް ދުވަހު އެކުދިންގެ މަންމަގެ ނަތީޖާ ލިބުނުއިރު އޭނާ ކޮވިޑަށް ޕޮޒިޓިވް އެވެ. އެހެންވެ ހޮސްޕިޓަލުން ޑައިލެސިސް ހަދާދޭކަށް އެއްބަހެއް ނުވި އެވެ.

އެ މީހުންގެ އެކުވެރިންނާއި އެމީހުން ކުރި ވަރަށް ބުރަ މަސައްކަތުން ޕްރައިވެޓް ހޮސްޕިޓަލަކުން ޑައިލެސިސް ހަދައިދޭން އެއްބަސްވި ނަމަވެސް އެކުދިންގެ މަންމަ ޕާރުލްގެ އޮކްސިޖަން ލެވެލް ދަށް ވާން ފެށުމުން އެ ހޮސްޕިޓަލުން ވެސް ޑައިލެސިސް ހަދާ ނުދިނެވެ.

"އެއްވެސް ހޮސްޕިޓަލަކުން އޮކްސިޖަން ފޯރުކޮށްދެވޭނެ އެނދެއް މަންމަ އެޑްމިޓްކުރާކަށް ނުލިބުނު. އަނބުރާ ރަށަށް ދެވޭކަށް ވެސް ނެތް މަންމައަށް ފަރުވާ ނުހޯދާ. ދެން އެކި ހެލްޕްލައިންތަކަށް ގުޅާ މަސައްކަތް ކޮށްކޮށް އެއްވެސް ތަނަކުން އެހީތެރިކަމެއް ނުލިބުނު. އެންމެ ފަހުން ވަރަށް ކުޑަ ކުޑަ އޮކްސިޖަން ސިލިންޑަރެއް މީހެއްގެ އަތުން ބޮޑުއަގުގައި ގަނެ މަންމައަށް ގުޅީ،" ޕާޔަލް ބުންޏެވެ.

ކާރުގައި މަންމައަށް އޮކްސިޖަން ގުޅައިގެން ބާއްވައިގެން މި ދެބެން ހަތަރު ދުވަސް ވަންދެން ތިއްބެވެ. އެންމެ ފަހުން ލަކްނޫ ހޮސްޕިޓަލަކުން އޮކްސިޖަން އާއެކު އެނދެއް ލިބިގެން ހަތަރު ދުވަސް ފަހުން އެ ހޮސްޕިޓަލުގައި އެކުދިންގެ މަންމަ އެޑްމިޓް ކުރެވޭގޮތްވީ އެވެ. އަދި މަންމަގެ ޑައިލެސިސް ހެދި މިހާރު ކުޑަކޮށް އޮކްސިޖަން ލެވެލް ވެސް ރަނގަޅުކަމަށް ޕާޔަލް ބުންޏެވެ.

މަންމަ ކާރުގައި ބާއްވައިގެން ދެބެން ހޭދަކުރި ހަތަރު ދުވަހު އެކުދިން އުޅެން ޖެހުނު ހާލު ބަޔާންކުރަން ވެސް ނޭނގޭ ކަމަށް އެކުދިން ބުންޏެވެ. އެންމެ ދެރަވި އެއް ކަމަކީ މަންމައަށް ފަރުވާ ހޯދަން މަސައްކަތް ކުރަނިކޮށް އާކާޝް އަށް ވެސް ކޮވިޑް ޖެހި އޭނާ ވެސް ބަލިވީ އެވެ. ދެން ހުރިހާ ތަނަކަށް ދުވެ ހުރިހާ ކަމެއް ކުރީ ޕާޔަލް އެކަނި މާއެކަނި ކަމަށް އޭނާ ބުންޏެވެ.