އިދިކޮޅުގެ ދެ ސިޔާސީ ޕާޓީ، ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ކޯލިޝަން ހިންގަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ ގާނޫނާ ހިލާފު ހެކިތަކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
އަދުރޭގެ މައްޗަށް އުފުލާފައި ވަނީ ހަޑިހުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އެވެ.
އަދުރޭގެ ގާނޫނީ ވަކީލް އަދި ދަނބިދަރިކަލުން އަހުމަދު ހިޝާމް ވަޖީހު ވިދާޅުވި ގޮތުގައި ދައުވާ ރައްދުވާ ފަރާތާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ވީޑިއޯއެއް ހިމެނޭއިރު އާންމު އުސޫލުގައި އެ ވީޑިއޯއަކީ ސައްހަ ވީޑިއޯއެއްތޯ ބަލަން އޯޑިއޯ އަދި ފޮޓޯ ސާމްޕަލް ނަގައި އެނަލިސިސް ރިޕޯޓެއް ހަދަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި އޯޑިއޯ އާއި ވީޑިއޯ ސާމްޕަލް ނަގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
"...ގާނޫނުގައި އެބުނާ އިޖުރާއަތުތައް ފުރިހަމަނުކޮށް މި ސާމްޕަލްތައް ނަގާފައި ވަނީ. ދައުވާ ލިބޭ ފަރާތުން ނިންމީ ހަނު ހުންނަން. ހަނުހުއްޓައި ސާމްޕަލް ނަގާފައިވަނީ،" ހިޝާމް ވިދާޅުވި އެވެ.
މިއީ އަދުރޭގެ ފަރާތްޕުޅުން ޝަރީއަތް ފެށުމުގެ ގޮތުން ހުށަހެޅި ހުށަހެޅުމެކެވެ.
ކްރިމިނަލް ކޯޓުގައި އެކަމާ ގުޅިގެން ގޮތެއް ނިންމަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ މައްސަލާގައި ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށް ސާމްޕަލް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
ޝަރީއަތުގެ މަޖިލީސް ރޫޅާލައްވަމުން ގާޒީ މިއަދު ވިދާޅުވީ އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ މައުލޫއީ ގޮތެއްގައި ޝަރީއަތް ހިންގޭނެ މައްސަލައެއް ނޫން ކަމަށެވެ.
އަދުރޭގެ މައްޗަށް ދައުލަތުން ދައުވާއެއް އުފުލާފައިވަނީ ނޮވެމްބަރު 28، 2019 ގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓު ކުރިމަތީގައި ކުރިއަށް ދިޔަ މުޒާހަރާގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ގާޒީންނަށް ނިސްބަތްވާ ގޮތަށް ހަޑިހުތުރު ބަހުން މުހާތަބު ކުރުމުންނެވެ. އޭނާ ވަނީ މައްސަލައިގެ އެންމެ ކުރީކޮޅުވެސް ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.