ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އިލްތިމާސް: ދީނުގެ ސައްހަ އަގީދާގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރައްވާ

އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ކުދިން މުޖްތަމައަށް ބޭނުންތެރި އަދި މުޖްތަމައުގައި ބަސްވިކޭ ބަޔަކަށް ހެދޭނީ ހުރިހާ އެންމެންވެސް މީހުންނާ ކުރާ މުއާމަލާތާއި ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުން ކަމަށެވެ.

މިއަދުގެ ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެކުދިންނަށް އިޖްތިމާއީ ރައްކާތެރިކަމާއި އަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ކުދިންނަށް އިޖުތިމާއީ ރައްކާތެރިކަމާއި އަދުލު އިންސާފު ހޯދައިދިނުމަށް މިހާރުވެސް މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް މަސައްކަތަކީ 28 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެކުލަވައިލި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިދިޔަ އަހަރުގެ ކުރީކޮޅު އަމަލުކުރަން ފެށުމެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ ގާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ މާފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމެކެވެ،"

ރައީސްގެ ހިތާބުގައި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ ހިމެނޭ ގޮތުން މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އޯގާތެރިކަމާއި ކުލުނާއި ލޯތްބާއި އަޅައިލުމާއި އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް އެކުދިން ހޭނުވުމަށް އެދިވަޑައިގެންފައެވެ. އަދި ވަކިން ހާއްސަކޮށް އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ.