ނަޝީދަށް އަމާޒު ކުރި ހަމަލަ

ކެނެރީގެ ހުންނަ މަގުގައި ވެހިކަލަށް ޕާކް ނުކުރެވޭ ގޮތް ހަދަނީ

May 10, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ވެހިކަލް ޕާކް ނުކުރެވޭ ގޮތް ހަދަން ނިންމާ، އެ މަގުގައި ޕާކް ކުރާ ވެހިކަލްތަކަށް ހާއްސަކޮށްގެން ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ބިއްލޫރިގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފެށީ ޕްލޭނިން މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށެވެ. އެމަސައްކަތް ފެށުމުގެ ގޮތުން އެ ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސަރުކާރުގެ ބައެއް ވެހިކަލްތަކާއި އާންމުންގެ ވެހިކަލްތައް ފުލުހުންނާ ގުޅިގެން ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ބިއްރޫލިޖެހިގޭގައި ޕާކިން ޒޯނެއް ހަދަމުން މިދަނީ ނީލޯފަރު ހިނގުމުގައި ވެހިކަލަށް ޕާކް ނުކުރެވޭ ގޮތް ހަދައިދިނުމަށް އެމްއެންޑީއެފުން މާލެ ސިޓީ ކައުންސިލްގައި އެދުމުންނެވެ.

އެމްއެންޑީއެފުން އެދުނު ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ބިއްލޫރިޖެހިގޭގެ ހުސް ޖާގައިގައި ޕާކިން އޭރިއޭ އެއް ހެދުމުގެ ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެދިފައި ވަނިކޮށް ހުއްދަ ނުދީ އޮއްވާ ރައީސް ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށެވެ.

ހަމަލާގެ ފަހުން ވަނީ މާލެ ސިޓީ ކައުންސިލުން މާޗް 23، 2021 ގައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި ލީކް ކޮށްލާފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެވަގުތު އެމަނިކުފާނު ވަޑައިގެންނެވީ ސައިކަލާ ދާދި ކައިރީގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށެވެ.

ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކާ ގުޅިގެން ސާޖަރީތަކެއް ހެދުމަށްފަހު މިވަގުތު އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ. ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިންނާއި ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.