ރައްޔިތުންގެ މަޖިލިސް

ހިޔާނާތުގެ ލިސްޓްގައި ހިމެނޭ ބޭފުޅުން މަގާމުތަކުން ވަކިކުރަން ހުށަހަޅައިފި

May 10, 2021
1

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓްގައި ހިމެނޭ ދައުލަތުގެ މަގާމު ތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ނައިބް ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

އީވާ އެގޮތަށް ހުށަހެޅުއްވީ އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ތެރެއިން ނަގާފައިވާ ޖޮއިންޓް ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ އީވާ ލިސްޓްގައި ހިމެނޭ ބޭފުޅުންގެ މައްސަލަތައް ނިމިފައި ނުވި ނަމަވެސް އެ ބޭފުޅުން މަގާމުތަކުން ވަކިކުރަން ކޮމިޓީން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ޖޮއިންޓް ކޮމިޓީން އެސެޓް ރިކަވަރީ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރުމުން އެގޮތަށް އަމަލުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ތަހުގީގު ކުރިއަށް ދިޔަ ނަަމަވެސް ނުވަތަ ޕްރޮސެކިއުޝަންގެ މަރުހަލާ ކުރިއަށް ދާއިރު ވެސް ކަރެކްޓިވް އެކްޝަން ނަގަންޖެހެއޭ ތަހުގީގު ކުރިއަށް ދާއިރު ވެސް. ކޮންމެހެން ހުކުމް އަންނަންދެން މަޑުކުރާކަށް ނުޖެހޭނެއޭ ބައެއް ކަންކަމުގައި. މިސާލަކަށް ބޮޑު މަގާމެއްގައި ހުރި މީހެއް ނަމަ މަގާމުން ވަކިވެސް ކުރޭ" އީވާ ވިދާޅުވި އެެވެ.

އީވާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.

ހިސާން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ފައިސާ ލިބިފައިވާ މީހުންގެ ތަހުގީގު ނުނިމޭ ކަމަށް ބުނެ މަގާމުތަކުން ވަކިކުރުން ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށެވެ. އެބޭފުޅުން މަގާމުތަކުގައި ތިބުމުން މައްސަލަ އަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވި އެވެ.

"ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުން އެ މަގާމުތަކުގައި ތިބުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން،" ހިސާން ވިދާޅުވި އެވެ.

ހިސާން އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނޭ ބައެއް ބައެއް ބޭފުޅުންނަށް ހިޔާނާތުގެ ޖިނާއީ ދައުވާ ނުކުރެވުނު ނަމަވެސް އެބޭފުޅުންނަށް ލިބުނު ފައިސާ ދައުލަތަށް ހޯދުން އަވަސް ކުރަންޖެހޭ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ.

ކޮމިޓީގެ މިރޭގެ ބައްދަލުވުން ނިންމާލީ ދެން ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ ރިޕޯޓް ފައިނަލް ކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާ މެދު ގޮތެއް ނިންމުން އޮންނާނެ ކަމަށް އިއުލާންކޮށްފަ އެވެ.