ދުނިޔެ

އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރިކުރަން ޖަރުމަން ދެކޮޅުހަދައިފި

މަސްޖިދުލް އަގްސޯގައި ތަރާވީސް ނަމާދު ކުރަން ތިބި ފަލަސްތީންގެ އާންމުންނަށް އިޒްރޭލު ފުލުހުން ދިން ހަމަލާތައް ކުށްވެރި ކުރަން ޖަރުމަނުން ދެކޮޅު ހަދައިފި އެވެ. އިޒްރޭލް ފުލުހުން އަގްސޯ މިސްކިތަށް ހަތިޔާރާއެކު ވަދެގަނެ ސަފުތައް ބުރުވާލައި ހިންގި އުދުވާނުގައި ގެއްލުން ލިބުނު މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވާނެ ކަމަށް ފަލަސްތީނު ރެޑްކްރެސެންޓުން ބުނެ އެވެ.

ފަލަސްތީންގެ އަންހެނުންނާ ކުޑަކުދިންނަށް މަސްޖިދުލް އަގްސޯގެ އެތެރެއާ ބޭރުގައި އިޒްރޭލު ފުލުހުން ދޭ ހަމަލާތައް ކުށްވެރިކުރަންތޯ ޖަރުމަންގެ ވެރިރަށް ބާލިންގައި އޮތް މީޑިއާ ބްރީފިންއެއްގައި ނޫސްވެރިއަކު ދެފަހަރަށް އެހުމުން ވެސް، ފޮރިން މިނިސްޓްރީ ޑެޕިއުޓީ ތަރުޖަމާން ކްރިސްޓޮފާ ބާގާ ސީދާ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ އިޒްރޭލާ ފަލަސްތީނާ ބެހޭ ގޮތުން "މިޑްލް އީސްޓް ކްއާޓެޓް" އިން ބަޔާނެއް ނެރެފައިވާނެ ކަމަށެވެ. މިޑްލް އީސްޓް ކުއާޓެޓް އަކީ މެދުއިރުމަތީގެ ސުލްހައަށް މަސައްކަތްކުރާ ހަތަރު ބާރަކަށް ކިޔާ ނަމެކެވެ. އެއީ އދ. އާއި އެމެރިކާ، އީޔޫ އަދި ރަޝިއާ އެވެ.

ފަލަސްތީންގައި މިހާރު ހިންގަމުން އަންނަ ހަމަނުޖެހުންތަކާ ބެހޭ ގޮތުން މިޑްލް އީސްޓް ކުއާޓެޓުން ނެރުނު ބަޔާނުގައި ހަމައެކަނިި ބުނެފައި އޮތީ ކަންބޮޑުވާ ކަމަށެވެ. އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރި ކޮށްފައެއް ނުވެ އެވެ.

އިންޓަނެޓްގައި މިހާރު ފެތުރިގެންފައިވާ ވީޑިއޯ / ފޮޓޯޓަކުން ފެންނަ ގޮތުން ފަލަސްތީންގެ އާންމުންނަށް ހަމަލާ ދިނުމަށް އިޒްރޭލު ފުލުހުން ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ވެސް ވަނީ ބޭނުން ކޮށްފަ އެވެ.