އަލީ އާޒިމް

241 ކޮމިޓީން އިސްތިއުފާއެއް ނުދެން، މިވަގުތަށް ދުރަށް ޖެހިލީ: އާޒިމު

ރައްޔިތުންގެ މަޖިލީހުގެ ސަލާމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން އިސްތިއުފާ ނުދެއްވާ ކަމަށާއި ވަގުތީ ގޮތުން ކޮމިޓީގެ މަސައްކަތްތަކާ ދުރަށް ޖެހިވަޑައިގަތީ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ތެރެއިން ނަގާފައިވާ ޖޮއިންޓް ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި އެއްޗަކުންނެވެ.

އަސްލަމް ވިދާޅުވީ 241 ކޮމިޓީން އާޒިމް އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެހެންވެ އޭނާގެ ބަދަލުގައި އެ ކޮމިޓީގެ މެންބަރު ކަމަށް މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހަމަޖައްސާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އަވަސް އަށް މިރޭ މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރަނީ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން އޭނާ ސޮއިކުރައްވާ ސިޓީއެއް ފޮނުވުމުން ކަމަށެވެ.

އެގޮތުން 241 ކޮމިޓީއަށް އޭނާގެ ބަދަލުގައި މިވަގުތަށް މެންބަރު އީވާ ވަގުތީ ގޮތުން ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތަށް އަމަލުކުރެއްވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ހިޔާނާތުގެ ލިސްޓް މަޖިލީހަށް ދެވަނަ ފަހަރަށް ފޮނުވިއިރު ފަހުން ލިބުނު ލިސްޓްގައި އޭނާގެ ނަން އޮތުމުން ކަމަށެވެ.

"އެ ހާލާތުގައި އަޅުގަނޑު ބޭނުމެއް ނުވޭ އެ ކޮމިޓީގައި އިނދެ ނުފޫޒު ފޯރުވިއޭ އެއްވެސް ފަރާތަކުން ބުނާކަށް ފުރުސަތު ދޭކަށް. އެހެންވެ އިންޓަގްރިޓީ ހިފަހައްޓަން ބޭނުންވާތީވެ އީވާ އަށް ފުރުސަތު ދީފައި އަޅުގަނޑު އެ މައްސަލަ ކޮމިޓީގައި ބަލައި ނިމެންދެން މިވަގުތަށް ދުރަށް ޖެހިލީ. އިސްތިއުފާއެއް ނުދެން،" 241 ކޮމިޓީއާ ދުރަށް ވަޑައިގެންނެވި ސަބަބު ހާމަކޮށްދެއްވަމުން ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީގައި މިރޭ ވަނީ ހިޔާނާތުގެ ލިސްޓްގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތަހުގީގު ނުނިމުނަސް އެ ބޭފުޅުން މަގާމުތަކުން ވަކިކުރަން ހުށަހަޅާފަ އެވެ. އެ ހުށަހެޅުމަށް ވެސް ތާއީދު ވެސް ލިބިފައިވެ އެވެ.