ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑުން ރަނގަޅުވުމުން ދަތްއުނގުޅާ ބުރުސް ބަދަލު ކުރޭ!

ކޮވިޑް-19 އާއި އެހެނިހެން ބަލި ބަލިން ސަލާމަތް ވުމުގައި ވެސް މީހާގެ ސާފު ތާހިރުކަން ވަރަށް މުހިއްމު ދައުރެއް ކުޅެ އެވެ. ހާއްސަކޮށް ކޮވިޑް ކަހަލަ ބައްޔެއްގައި އަނގައިގެ ސާފުތާހިރު ކަމަށް އިތުރު ސަމާލު ކަމެއް ދޭންޖެހެ އެވެ. ނޫންނަމަ ބަލިން ފަސޭހަ ވުމަށްފަހު ދެ ވަނަ ފަހަރަށް އެމީހަކަށް އިންފެކްޝަން ޖެހުމުގެ ބިރު އޮވެ އެވެ.

ދަތުގެ ހާއްސަ ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި ކޮވިޑް-19 ޖެހިފައި ރަނގަޅުވާ މީހުން އެންމެ ފުރަތަމަ ވެސް އެމީހުން ދަތް އުނގުޅަން ގެންގުޅުނު ބުރުސް ބަދަލު ކުރަން ޖެހޭނެ އެވެ. އަދި އެއާއެކު ދޫ ވެސް ވަރަށް ރީތިކޮށް ސާފު ކުރަން ޖެހޭނެ އެވެ.

މިކަމުގެ ސަބަބުން އެމީހާއަށް ދެ ވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު ހަނިވުމުގެ އިތުރުން އެއް ފާހާނާ ބޭނުންކުރާ އެހެން މީހުންނަށް ވެސް މިކަމުން ރައްކާތެރިކަން ލިބޭނެ އެވެ.

ދަތްއުނގުޅާ ބުރުސް ބަދަލު ކުރުން މުހިއްމުވާ ސަބަބު ތަޖުރިބާކާރުން ވިދާޅުވެ ދެއްވި އެވެ. އެއް ކަމަކީ ދަތް އުނގުޅާ ބުރުހަކީ އާއްމުގޮތެއްގައި ވެސް ވަރަށް ގިނަ ބެކްޓީރިއާ އާއި ވައިރަސްގެ ހާއްޔަކަށް ވުމެވެ. ބުރުސް ބޭނުންކުރާ ވަރަކަށް އޭގައި ވައިރަސް އާއި ބެކްޓީރިއާ އަށަގަންނަ މިންވަރު އިތުރުވަމުން ދާނެ އެވެ. ދަތް އުނގުޅާ ބުރުގައި އަށަގަންނަ ބެކްޓީރިއާ އާއި ވައިރަހަކީ ނޭވާލުމުގެ ނިޒާމުގެ މަތީބައިގައި އިންފެކްޝަން އުފެދެން މެދުވެރިވާ އެއްޗިއްސެވެ. އެހެންކަމުން އަނގަ ދޮންނާނެ މައުތުވޮޝް ނެތްނަމަ ދަތް އުނގުޅުމަށް ފަހު ތާފަނާ ފެންފޮދަކަށް ލޮނު ކޮޅެއް އަޅައިގެން އެ ފެނުން އަނގަޔާއި ކަރުތެރެ ރީތިކޮށް ދޮވެލުމަށް ވެސް ދަތުގެ ޚާއްސަ ޑޮކްޓަރުން އިރުޝާދު ދެއެވެ.

ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި ކޮވިޑް ނޫނަސް މޫސުމީ ރޯގާތައް ޖެހޭ މީހުން ވެސް ނުވަތަ އަރިދަފުސް ރޯގާ ޖެހި ކެއްސާ މީހުން ވެސް ބަލިން ރަނގަޅުވުމާއެކު ދަތްއުނގުޅާ ބުރުހާއި ދޫ ސާފުކުރަން ބޭނުންކުރާ ވަކި އެއްޗެއް ގެންގުޅޭނަމަ އެ އެއްޗެއް ބަދަލުކުރަން ޖެހޭނެ އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނަނީ ކޮވިޑް-19 ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހާ ކެއްސާ، ކިނބިހިއަޅާ، ހަޅޭއްލަވާ، ހީނ ނުވަތަ ވާހަކަ ދައްކާއިރު އަނގައިން ފެން ތިކިތަކެއް ފަދައިން ނުކުންނަ ލޮލަށްވެސް ނުފެންނަ ކުދިކުދި ތިކިތަކުން ކަމަށެވެ.

މިފަދަ ގޮތަކުން ވައިރަސް ވާސިލު ވެފައިވާ ތަންތަނުގައި ނޭނގި އަތްލެވި އެ އަތް ސާފު ނުކޮށް ހުއްޓާ ލޯ، ނޭފަތް ނުވަތަ އަނގައިގައި ޖެހިގެން ވެސް ބައެއް މީހުންނަށް ބަލި ޖެހެއެވެ.

ކޮރޯނާވައިރަހަކީ އެއާބޯން އެއްޗެއްކަން ވެސް މިހާރު ޑަބްލިޔުއެޗްއޯ އާއި އެނޫންވެސް ސިއްހީ ކަންކަން ރެގިއުލޭޓްކުރާ އިދާރާތަކުން މިހާރު ވަނީ ޔަގީންކޮށްދީފަ އެވެ. މާނައަކީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާ ހެދުމުން ޖައްވަށް ބޭރުވާ ވައިރަސްތައް އެތައް އިރަކު ވައިގައި ހުރެ އެހެން މީހުންނަށް ބަލި ޖެހިދާނެ އެވެ.

މިގޮތަށް ބަލާއިރު ބަލި ޖެހިފައިވާ މީހާގެ ދަތްއުނގުޅާ ބުރުހާއި ދޫ ސާފުކުރާ ބުރުސް ކަހަލަ އެއްޗިއްސަކީ އޭގެ ޒަރިއްޔާއިން އެހެން މީހަކަށް ވަރަށް ފަސޭހައިން ބަލި އަރާފާނެ ވަސީލަތެކެވެ.

ގޭގައި އުޅޭ އެންމެ މީހަކަށް ވެސް ބަލި ޖެހިއްޖެނަމަ ފާޚާނާގައި ބޭނުންކުރާ ދަތްއުނގުޅާ ބުރުސް، ދޫ ސާފުކުރާ ބުރުސް، ތުވާލި ފަދަ އެއްވެސް އެއްޗެއް އެއްތަނެއްގައި ބެހެއްޓުން ރަނގަޅެއް ނޫނެވެ. އަވަހަށް އެމީހެއްގެ އެއްޗެހި ވަކިކޮށް އެ އެއްޗެތި ވަކި އެއްޗަކަށް އަޅައި މުޅިން ވަކި ކުރާށެވެ.

އަދި ބަލި ޖެހިފައިވާ މީހާ ދަތްއުނގުޅާބުރުސް ފަދަ ތަކެތި ބޭނުންކުރާ ކޮންމެ ފަހަރަކު އެ އެއްޗެތި ޑިސްއިންފެކްޓްކުރުމަށް ވެސް ތަޖުރިބާކާރުން އިރުޝާދު ދެއްވަ އެވެ. އަދި ބަލިން ރަނގަޅުވުމާއެކު ރައްކާތެރި ގޮތުގައި އެ ތަކެތި ނައްތާލައި އާ އެއްޗެތި ހޯދަން ޖެހެ އެވެ.