އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތް ދެއްކުން މާދަމާއަށް ހަމަވާނެ

ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު ތާރީހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މާލެ ސަރަހައްދުގައި ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު ވަގުތަކީ މާދަމާގެ އިރުއޮއްސި 6:00 އަށް ކަމަށެވެ. ކުރިން ފިތުރު ޒަކާތް ދެއްކުމުގެ ފަހު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިއަދެވެ.

އެހެން އަހަރުތަކުގެ ރޯދަމަހާ އަޅާ ބަލާއިރު މިއަހަރު ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު މަދު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިން ވަނީ ވިދާޅުވެފަ އެވެ. ފައިސާގެ އިތުރު ގޮވާމުން ވެސް މިހާރު ފިތުރު ޒަކާތް ދެއްކެ އެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ ޒަކާތް ނެރޭ ބާވަތަކުން ސާއެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.5 ކިލޯ އާއި ތިން ކިލޯއާ ދެމެދުގެ މިންވަރެކެވެ. ޒަކާތް ނެރެން ޖެހެނީ އެބަޔަކު އާންމުކޮށް ކެއުމުގައި ބޭނުންކުރާ މައިގަނޑު ގޮވާމުގެ ބާވަތުންނެވެ. ރާއްޖޭގައިނަމަ ހަނޑުލުން ނުވަތަ ފުށުން ނެރުން ހުއްދަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތުގެ ފައިސާގެ ގޮތުގައި ލިބިފައި ވަނީ 1،942201ރ. އެވެ.