ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

މާދަމާއިން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަނީ

މާދަމާއިން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.

މީގެ އިތުރުންވެސް އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. އެހެން ކަމުން ޖަމާއަތުގައި އީދު ނަމާދު ކުރުން ނޯންނާނެ އެވެ.

އަދި މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށްވެސް އަންގާފައިވެއެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށްވެސް މިއަދުގެ އެންގުމުގައި ބުނެފައިވެއެވެ.

ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކުވެސް ބޮޑުތަނުން އިތުރުވަމުންދާތީ އެވެ.

މިހާތަނަށް 37،019 މީހަކަށް ބަލިޖެހިފައިވާއިރު އިއްޔެވެސް 1،200 ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 10،376 މީހުންނެވެ. މިހާތަނަށް 26،547 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 244 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • މެއި 4 - 601 މީހަކު ޕޮޒިޓިވް
  • މެއި 5 - 743 މީހަކު ޕޮޒިޓިވް
  • މެއި 6 - 703 މީހަކު ޕޮޒިޓިވް
  • މެއި 7 - 766 މީހަކު ޕޮޒިޓިވް
  • މެއި 8 - 509 މީހަކު ޕޮޒިޓިވް
  • މެއި 9 - 1091 މީހަކު ޕޮޒިޓިވް
  • މެއި 10 - 1204 މީހަކު ޕޮޒިޓިވް

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 87 މީހަކު މަރުވެފައިވެއެވެ. އިއްޔެވެސް ތިން މީހަކު މަރުވެފައިވެއެވެ. މިދިޔަ ހަތް ދުވަހަކީ ޕޮޒިޓިވް ކޭސްތަކާއި މަރުތަކުގައި ވެސް ރެކޯޑެކެވެ. އެއް ދުވަހު ހަތް މީހަކު މަރުވި އެވެ. އެއީ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު ހަތަރު މީހުން މަރުވިއެވެ.

މިދިޔަ ހަތް ދުވަސް ތެރޭ 5،600 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެއެވެ. ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު ޕޮޒިޓިވްވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މާލެ ސަރަހައްދުން އެކަނި ދުވާލަކު 500 އާއި 600 އާ ދެމެދުގެ އަދަދަކަށް ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުރެއެވެ. އަދި ކުރީ ހަފުތާތަކާއި ބަލާއިރު މިހާރު ޕޮޒިޓިވް ނަންބަރު ހުރީ 75 ޕަސެންޓް މަތީގައެވެ.