މޯލްޑިވްސް ޕޮލިސް ސާވިސް

ކޮވިޑް އުސޫލާ ހިލާފުވި 213 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑް-19 އިން ރައްކާތެެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވި 213 މީހަކު ޖޫރިމަނާ ކޮށްފި އެވެ. އިއްޔެވެސް 267 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

ކޮންޓްރޯލެއް ނެތި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުން މަގުމަތީ ހަރަކާތްތެރިވާއިރު އުސޫލާއި ހިލާފުވާ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރެއެވެ.

އެޗްއީއޯސީން މިރޭ ބުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އުސޫލުތަކާއި ހިލާފުވި 213 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން 136 މީހަކު ޖޫރިމަނާ ކުރީ މާސްކު ނާޅާ ބޭރުގައި އުޅެގެނެވެ. ބޭރުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް މި ފަހުން މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ކާފިއު ވަގުތު ބޭރުގައި އުޅުނު 66 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށެވެ. މި ހަތްގަޑިއިރު ޒަރޫރީ ބޭނުމަށް ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. ކާފިއު ވަގުތު ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއިންނެވެ.

ރާއްޖޭގައި ކޮވިޑްބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގައެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 5،500 ސާމްޕަލުން 1،200 ސާމްޕަލް ޕޮޒިޓިވްއެވެ. މިއަދު ތިން މީހަކު ކޮވިޑްގައި މަރުވެފައިވާއިރު މިއީ މި އަހަރުގެ 36 ވަނަ ކޮވިޑް މަރެވެ.