ރައީސް އޮފީސް

މާސްކް އެޅުވުމަށާއި ފިޔަވަޅު އެޅުމަށް ފުލުހުންނަށް އަންގައިފި

Jan 6, 2022
2

ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އަޅާކަން ކަށަވަރުކުރުމަށާއި، މާސްކް ނާޅާ އުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށް ރައީސް އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

ހެލްތު މިނިސްޓްރީއާއި ހޯމް މިނިސްޓްރީއަށް ކޮޕީކޮށް ރައީސް އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި އެދިފައިވަނީ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާތީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އަޅަމުންދޭތޯ ކަށަވަރުކޮށްދިނުމަށެވެ. މާލޭ ސަރަހައްދުގައި އުޅޭ 3،000 މީހުންނަށް ކޮންމެ ދުވަހަކު ބޫސްޓާ ޑޯޒް ދިނުމަށް ބޭނުންވާތީ ފުލުހުންގެ ނޫސަންދަ ކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒް ދެވޭނެ އިންތިޒާމާއި ޕޮލިސް ލެބޯޓަރީގައި ކޮވިޑް ޓެސްޓު ހެދޭނެ ގޮތް ހަމަޖެއްސުމަށްވެސް އަންގާފައިވެ އެވެ.

ކޮވިޑް 19ގެ ނަންބަރުތައް ސަތޭކައިގެ ތެރޭގައި އެއްވަރެއްގައި ހިފެހެއްޓިފައި އެތައް ދުވަހަކު ހުރުމަށްފަހު މިހާރު ކޮވިޑް ނަންބަރުތައް ވަނީ 200 އިން މައްޗަށް އަރާފަ އެވެ. ނަންބަރުތައް މައްޗަށް ޖެހެން ފަށާފައި މިވަނީ ކުރިއަށް އޮތް ތިން ހަފްތާ އަކީ އަލުން ކޮވިޑްގެ ނަންބަރުތައް ވަރަށް ބޮޑަށް މައްޗަށް ޖެހިދާނެ ތިން ހަފްތާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް އެގޮތަށް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އުޅޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ކޮވިޑް ނަންބަރުތައް މައްޗަށް ދާން ފަށާފައި މިވަނީ ކޮވިޑްގެ އާ ވޭރިއަންޓް -- އޮމިކްރޮން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ރާއްޖެއިން ފެނިފައި ވަނިކޮށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި ގިނަ މީހުން އެއްވެގެން ބާއްވާން އެއްވުންތައް މިވަގުތު ނުބޭއްވުމަށް ވެސް އެޗްޕީއޭ އިން މިހާރު ވަނީ ކަމާ ގުޅޭ ފަރާތްތަކަށް އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށްޓަކައި 396،882 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި 367،865 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު 26،867 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.

ރާއްޖޭގައި އިއްޔެއާ ހަމައަށް 96،746 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 93،736 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 2،734 ކޭސް އިއްޔެއާ ހަމައަށް ރެކޯޑްކޮށްފައިވާއިރު އިއްޔެ އެކަނިވެސް 224 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެެވެ.