ހުސައިން ޝަމީމް

ހިޔާނާތުގެ ފައިސާ ޝަމީމަށް ލިބުނު ކަމަށް ބުނާތީ ދޮގުކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅުންހުރި ފައިސާ ޕްރޮސިކިއުޓަރު ޖެނެރަަލް ހުސައިން ޝަމީމަށް ލިބިވަޑައިގެންނެވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ އޮފީހުން ދޮގު ކޮށްފި އެވެ.

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ.

އެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ކަމަށް ބުނާ ފައިސާގެ އަދަދާ ގުޅޭ އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. އަދި ބައެއް ނޫސްތަކުގައި އެ ވާހަކަތައް ދަނީ ރިޕޯޓް ކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހިޔާނާތުގެ ފައިސާއިން ޝަމީމަށް ތިން މިލިއަން ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ. އެއީ ހިޔާނާތުގެ ތުހުމަތު އެންމެ ބޮޑަށް އޮތް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަކީލުކަން ޝަމީމް ކުރެއްވުމުން ދެއްވި ފައިސާ ކަމަށް ބުނެފައިވެއެވެ.

ޝަމީމް ވަނީ އަދީބުގެ ވަކީލަކަށް މަސައްކަތް ކުރައްވާފައެވެ.

ފެތުރެމުންދާ ވާހަކަތައް ދޮގުކޮށް ޕީޖީ އޮފީހުން މިރޭ ބުނީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅުންހުރި ފައިސާ ޕްރޮސިކިއުޓަރު ޖެނެރަަލްއަށް ލިބިވަޑައިގެންނެވި ކަމަށް ބަޔާންކޮށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުންހުރި އެއްވެސް ފައިސާއެއް އެއްވެސް އިރެއްގައި ޕްރޮސިކިއުޓަރު ޖެނެރަލް ހުސެއިން ޝަމީމަށް ލިބިވަޑައިގެންފައި ނުވާކަމުގެ ޔާގީންކަން އަރުވާ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

"އެއްވެސް އިރެއްގައި މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި އުސްތާޒު ހުސައިން ޝަމީމު އަށް ލިބިފައި ނުވާނެ ކަމުގެ ޔަގީން އަރުވަން. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ވާހަކަ މި ދެންނެވީ،" ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އާންމުކުރަން ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ގޮވާލަމުންދާއިރު މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ އެ ލިސްޓް މިވަގުތު އާންމުކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ލިސްޓް އާންމުކުރަން ގޮވާލުން ޒިންމާދާރު ނޫން ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަ އެވެ. ނަމަވެސް އެ ބޭފުޅުންނަކީ ކުރިން ހިޔާނާތުގެ ލިސްޓް އާންމުކުރަން ޖެހޭ ކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުންނެވެ