އެސްޓީއޯ

ދެ ރުފިޔާގެ އިތުރުވުމެއް، އެސްޓީއޯ ހިއްސާއަކަށް 60 ރުފިޔާ

May 12, 2021

ސަރުކާރު ފިހާރަ، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ބަހާ އަދަދު ކުރީ އަހަރަށްވުރެ ދެ ރުފިޔާ އިތުރު ވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60ރ. ބަހަން ނިންމާފަ އެވެ. އެ ކުންފުނިން 2019 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 58ރ. އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ ދެ ރުފިޔާގެ އިތުރު ވުމެކެވެ.

އެސްޓީއޯގެ ޑިރެކްޓަރުގެ ބޯޑުގެ މި ނިންމުން ތަންފީޒު ވެގެން ދާނީ އަހަރީ އާއްމު ޖަލްސާ ބާއްވައި، ހިއްސާދާރުންގެ ރުހުން ލިބުމުންނެވެ.

އެސްޓީއޯ އިން ހިއްސާއަކަށް ބަހާ އަދަދު މަތި ކުރީ މިދިޔަ އަހަރު ލިބުނު ފައިދާ ބޮޑުވެގެނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު ފައިދާއިން ލިބުނު އެއް ސަބަބަކީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނުގެ ބޮޑުބައެއް އެ ކުންފުނިން ރާއްޖެ ގެނެސްފައި ވާތީ އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަށް ހަތަރު ވަނަ ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 91 މިލިއަން ރުފިޔާ ލިބުނެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކްއާޓަރާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރު ވުމެކެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އަދި ނުނެރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މި ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 378 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރު ވުމެކެވެ.