ޖުމްހޫރީ ދުވަސް

ޖުމްހޫރީ ދުވަހުގެ ޖަލްސާ، މިފަހަރު، ތާރީހީ ޖަލްސާއެއް!

  • ހަމަލަ ތަކަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޖަލްސާއަކަށް
  • ފަރުވާއަށް ފަހު މެޑަމް ފާތުން ފެނިލުމުގެ ފުރުސަތު ބޮޑު
  • ނައިބު ރައީސަކު ނުހުންނާނެ، ކުއްލި ނުރައްކަލުގެ ހާލަތު

ކޮންމެ އަހަރެއްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވަ އެވެ. ނަމަވެސް 28 އޮކްޓޫބަރުގައި ރިޔާސީ ލޯންޗުކޮޅު "ފިފެންމާގައި" ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުމުގެ ހަމަލާއަށްފަހު ރަސްމީ ޖަލްސާ ތަކާ ހަފުލާތަކުން ރައީސް ޔާމީން ފެނިވަޑައިގެންފަ އެއް ނުވެއެވެ.

އެންމެ ފަހުން ރައީސް ވަޑައިގެންފާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު "ރަންދިހަފަހެއް" ނޫޓް ސީރިޒް ނެރުމުގެ ތާރީހީ ރަސްމިއްޔާތަށް ވެސް ރައީސް ޔާމީން ވަޑައިގެންފައެއް ނުވެއެވެ.

ނަމަވެސް މާދަމާރޭ ދަރުބާރުގޭގައި އޮންނަ ޖުމްހޫރީ ދުވަހުގެ ހަފުލާގައި ރައީސް ޔާމީން ބައިވެރި ވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރައީސް އޮފީހަކު އަދިވެސް ނުބުނެ އެވެ. ހަމައެއާއެކު "ފިނިފެންމާ" ގެ ބޮމުގެ ހަމަލާގައި އެންމެ ބޮޑަށް ގެއްލުން ލިބި ވަޑައިގެން ގާތްގަނޑަކަށް މަހަކަށްވުރެ ގިނަ ދުވަހު ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު މިދިއަ ހުކުރު ދުވަހު ގެއަށް ވަޑައިގެންނެވި ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް ވެސް މިފަދަ ހަފުލާއަކުން ފެނި ވަޑައިގަންނަވާނެ ފުރަތަމަ ހަފުލާއަށް ފަހަރެއްގައި މާދަމާރޭ ވެގެންދާނެ އެވެ. އެކަމަނާ ފެނިލުމުގެ ފުރުސަތު ބޮޑެވެ. އަދި ދެވަނަ ޖުމްހޫރިއްޔާގައި ނައިބު ރައީސުން ތިބެން ފެށި ފަހުން ނައިބު ރައީސަކާ ނުލައި ބާއްވާ ފުރަަތަމަ ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ވެސް މާދަމާރޭ ވާނެ އެވެ.

"ފިނިފެންމާ" ގެ ހަމަލާއާއެކު ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް ޔާމީން އަވަހާރަކޮށްލަން ތިން ހަމަލާއެއް ރޭވި އެވެ. ދެވަނަ ހަމަލާއަކީ 24 އޮކްޓޫބަރުގައި ސްނައިޕާ ރައިފަލް ބޭނުން ކޮށްގެން ރައީސް އަވަހާރަކޮށްލަން ރޭވި ރޭވުމާއި އޭގެ ފަހުން މުލިއާގޭ ކައިރީގައި ބާރުގަދަ ބޮމެއް ގޮއްވާލައިގެން ރައީސް އަވަހާރކޮށްލަން ރޭވި ރޭވުމެވެ. ފިނިފެންމާގައި ދިން ހަމަލާގައި ހަނިގޮތަކަށް ރައީސް ސަލާމަތްވެ ވަޑައިގެންނެވި އިރު އޭގެ ފަހުން ރޭވި ދެ ހަމަލާ ނާކާމިޔާބުކޮށްލާފައި ވަނީ ސަލާމާތީ ބާރުތަކުންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރައީސަކު އަވަހާރަކޮށްލަން މިގޮތަށް ހަމަލާތަކެއް ރާވައި އަމާޒު ކުރި ފުރަތަމަ ފަހަރެވެ.

ފިނފެންމާގެ ހަމަލާއަށް ފަހު ފެށި ތަހުގީގުން ފެންމަތިވެ އެތައް ކަމެއްގެ ތެރެއިން ބ. ހިބަޅިދޫ ކައިރީ ކަނޑުގެ އަޑިންނާއި މާލޭގޭ ބައެއް ގޭގެއިން ގިނަ އަދަދެއްގެ ހަތިޔާރާއި ބޮމާއި ބަޑިޔާއި ފިސްތޯލަ އާއި ބޮން ހަނދާނެ ސާމާނު ފެނި، އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު މާދަމާރޭ ބާއްވާ ޖުމްހޫރީ ދުވަހުގެ ޖަލްސާވެގެންދާނީ ވަރުގަދަ ސަލާމާތީ ފިޔަވަޅުތަކާއެކު ބާއްވާ ޖަލްސާއަކަށެވެ.

ފިނިފެންމާގެ ހަމަލާއިގެ ފަހުން ރައީސް އޮފީހުގައި ރައީސް ވަނީ ގައުމާ މުހާތަބުކުރައްވާފަ އެވެ. ނަމަވެސް އެ ދުވަހު ރަސްމީ ގައުމާ މުހާތަބު ކުރެއްވުމަކަށްވުރެ ބޮޑަށް ބަދަލުވެފައި އޮތީ ނިއުސް ކޮންފަރެންސްއަކަށެވެ. އެހެން ކަމުން މާދަމާރޭ ވެގެންދާނީ މި ހާދިސާތަކަށް ފަހު ރައީސް ރަސްމީ ސިފައެއްގައި ބޭއްވޭ މިފަދަ ޖަލްސާއެއްގައި ގައުމާ މުހާތަބު ކުރައްވާ ފުރަތަމަ ފަހަރަށެވެ. އަދި މާދަމާ ރޭގެ ވާހަކަފުޅު ވެސް ވެގެން ދާނީ ވަރަށް ހާއްސަ ތާރީހީ ތަގުރީރަކަށެވެ.

ފިނިފެންމާގެ ހާދިސާއަށްފަހު ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ވަޑައިގަންނަވާ ތަންތަނާއި ހަފްލާ ތަކާއި ރަސްމިއްޔާތު ތަކުގެ ސެކިއުރިޓީ ލެވެލް ސަލާމާތީ ބާރުތަކުން ވަނީ ވަރަށް ބޮޑށް ވަރުގަދަ ފިޔަވަޅުތައް އަޅާފައެވެ. ހާއްސަކޮށް ބަލައި ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަންތައް ހިނގަމުންދާއިރު މިހާރު ސަރުކާރުން ބާއްވާ ހާއްސަ އަދި ބޮޑެތި ރަސްމިއްޔާތުތަކާއި ހަފްލާތަކުގެ ސަލާާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިދިއަ ހަފުތާގައި ވިދާޅުވީ ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން ވަޑައިގަންނަވާ ރަސްމިއްޔާތުތަކާއި ހަފްލާތަކުގެ ސެކިއުރިޓީ ލެވެލް ބަދަލުތައް ގެނެސްފައިވާ ކަމަށާއި އެބަދަލު ގެންނަނީ އަބަދުވެސް އެއިރެއްގައި ގައުމުގެ ހާލަތު އޮންނަ ގޮތަށް ބަލައިގެން ކަމަށެވެ. އަދި ވިދާޅުވީ މިވަގުތު ރާއްޖޭގެ މަސްރަހު ހަލަބޮލިވެފައިވާތީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަލަމާތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް ވަރުގަދަ ކުރީ ކަމަށެވެ.

" އަޅުގަނޑުމެން ސަލާމަތީ ފިޔަވަޅުތައް އަޅަނީ އަބަދުވެސް އެއިރަކު ގައުމުގެ ޙާލަތު އޮންނަ ގޮތަކަށް ބަލައިގެން. އެންމެންނަށްވެސް އެނގޭނެ ފަދައިން މިވަގުތު ރާއްޖޭގެ މަސްރަހު މި ވަނީ ވަރަށް ހަލަބޮލިވެފައި. އެހެން ކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރުވާނީ އަޅާފައި،" އަދުންނާން ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި މާދަމާރޭ ބާއްވާ ޖަލްސާވެސް ވެގެންދާނީ ހުރިހާ ގޮތަކުން ބެލިޔަސް ތާރީހީ ޖަލްސާއަކަށެވެ. ގާތްގާތުގައި ރައީސަކު އަވަހާރަކޮށްލަން ރޭވި ހަމަލާތަކަށްފަހު އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްތަކެއްގެ ތެރެއަށްވެސް ދިވެހިތާރީހުގައި ވަދެގެންދާ ފުރަތަމަ ޖުމްހޫރީ ދުވަހުގެ ޖަލްސާއަށެވެ.