ރައީސް އަބްދުﷲ ޔާމީނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް އިތުބާރު ގެއްލިވަޑައިގެން މަޖިލީހުގައި އެ ވޯޓް ނެގުމުގެ މާ ކުރިން ވެސް އެ ބޭފުޅާގެ ރިޕްލޭސްމެންޓް އޮތީ ތަބަކަށް ލައި ފަރިކުރެވިފަ އެވެ. ޖަމީލަށް ފަހު ނައިބު ރައީސްގެ މަގާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކާ ބެހޭ ގޮތުން ބަހުސަކަށް ވެސް ދާކަށް އޭރަކު ނުޖެހުނެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަ އަހުމަދު އަދީބު ހުންނެވީ ބޫޓް އޮފް ކުރައްވައި ކޯޓް ތުރު ކުރައްވައި ހުރިގާ ގޮތަކުން ތައްޔާރުވެ ވަޑައިގެންފަ އެވެ.
ޖަމީލުގެ އެ ބަދުނަސީބު ސިލްސިލާ އަށް ފަހު ނައިބުގެ މަގާމަށް ވަޑައިގެންނެވި އަހުމަދު އަދީބުގެ އިތުބާރު ގެއްލިގެން ދިޔައީ ހީކުރި ގޮތާ ހިލާފަށެވެ. ދިވެހި ތާރީހުގައި މިހާތަނަށް އައިސްފައި ނުވާ ވަރުގެ "ކަންތައްގަނޑެއް" ހިލުވާލާއި ތާރީހުގެ ތެރެއަށް ވަދެގެނެވެ. އެ ވާހަކަ ބާއްވާށެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކޮމިޝަން އޮފް އިންކްއަރީ ކުރާނެ އެވެ.
އެކަމަކު "ކުއްލިއަކަށް" ދެން ނައިބު ރައީސްގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކީ ކާކުތޯ އެއީ މިހާރު ކުރާ ސުވާލެކެވެ. އެތައް ގޮތަކަށް އާންމުންގެ ތެރޭގައި އެ ސުވާލާމެދު ދަނީ ބަހުސް ކުރަމުންނެވެ. އެ ބަހުސްގެ ތެރެއިން ކުރިތައް ފަޅައިގެން ގޮސް ކިތަންމެ ނަމަކާ ނައިބުމުގެ މަގާމާ މިހާރުވެސް ވަނީ ގުޅިފަ އެވެ.
ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރުމަށް މިފަހަރަކު އަދީބު ފަދަ "ތައްޔާރީ ޕްރޮޑަކްޓެއް" ލިބޭކަށް ނެތެވެ. އެކަމަކު ރަށު ތެރޭގައި ދެކެވޭ އަޑުތަކާއި ސިޔާސީ އަނގަތަޅާލުންތަކަށް ލަފާކޮށް ނެގިދާނެ ދެ ތިން ނަމެއް އެބައުޅެ އެވެ. އަދި މި ތިން ނަމުގެ ވާހަކަ ވަރަށް ބާރަށް ދަނީ ދެކެވެމުންނެވެ.
އޭގެ ތެރެއިން ވެސް އެންމެ ބޮޑު ފެވަރިޓަކީ ކޮބައިކަން އެނގޭތޯ އެވެ؟
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އެއްގޮތަކަށް ވެސް ހައިރާންވެ ވާނެ ކަމެއް ނެތެވެ. ނައިބު ރައީސަކަށް ދެން އައްޔަންކުރެވިގެންދާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ނަންތަކަށް ބަލައިލާއިރު އެ ލިސްޓެއްގެ ޓޮޕް ފެވަރިޓަކީ މިއީ އެވެ. މިހާރު ވެސް މި ބޭފުޅާ ހުންނެވީ ނައިބެއްގެ މަގާމުގަ އެވެ. އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމުގަ އެވެ.
މި ބޭފުޅާ އަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހުސެއިން މަނިކުގެ ސަރުކާރުގައި އަދި ރައީސް އަބްދުﷲ ޔާމީންގެ މި ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޔާމީންގެ ސަރުކާރަށް ޝަހީމް އަލްވަދާއު ވިދާޅުވެފައި ވަނީ އެބޭފުޅާ ކުރިން ނިސްބަތްވެ ވަޑައިގެންނެވި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ހައްޔަރުކުރުމާ ގުޅިގެން އަދާލަތު ޕާޓީގެ އިސް އޮފިޝަލުންތައް ސަރުކާރުން އިސްތިއުފާ ދެއްވި ފޯރިގަނޑެއްގެ ތެރެއިންނެވެ.
އެއަށް ފަހު އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމަށް އައްޔަންކުރެވިގެން ދިޔަ ހިސާބުން ޝަހީމް ވަނީ ސިޔާސީ ދާއިރާ އަށް ވެސް އަލްވަދާއު ވިދާޅުވެފަ އެވެ.
"ސިޔާސީ ކަންކަމުގެ ތެރެއަށް ދެން އަލުން އަނބުރާ ދިއުމުގެ ވިސްނުމެއް ނެތް އަޅުގަނޑުގެ ކިބައިގައި ހަގީގަތުގައި،" ސިޔާސީ މައިދާން ދޫކޮށްލެއްވީ އިލްމީ މަސައްކަތްތަކަށް ވަގުތު ދެއްވުމަށް ކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވެފައި ވަނީ މިހެންނެވެ.
އެ ބޭފުޅާގެ އަޑުން ވަރަށް ފަހުން ގުރުއާން ރިކޯޑްކުރުމުގެ މަޝްރޫއެއް ވެސް ވަނީ ފައްޓަވައިފަ އެވެ. އެ ސިލްސިލާގެ ފުރަތަމަ ފޮތް، އައްމާ ފޮތް މިހާރު ބާޒާރަށް ވެސް ނެރުއްވައިފި އެވެ.
އެހެންވީމަ ސިޔާސީ ތަޖުރިބާކާރުން ލަފާކުރައްވާ އަދި ޝަހީމް ލަފާނުކުރައްވާ "ޓްވިސްޓެއް" އެ ބޭފުޅާގެ ހަޔާތަށް އަތުވެ ސިޔާސީ މައިދާނަށް އެނބުރި ގެންގޮސްދާނެތޯ އެވެ؟
ނައިބު ރައީސްކަން ދެއްވުމަށް ރައީސް ވިސްނަވާ ބޭފުޅުންގެ ތެރެއިން ފެވަރިޓެއްތޯ ޝަހީމަށް ސުވާލު ދެންނެވުމުން އެ ބޭފުޅާ ޖައްސަވާލެއްވީ ހިނިގަނޑެކެވެ. އެއަށް ފަހު ވިދާޅުވީ ތިކަމުގައި ފަހުން އެއްޗެއް ވިދާޅުވެ ދެއްވާނެ ކަމަށެވެ. އެހެންވީމަ މިއީ ވެސް ޝަހީމަށް ނައިބު ރައީސްކަން ދެއްވަން އުޅުއްވާ ކަމަށް ބުނާ ވާހަކައިގެ އިތުރު ހިންޓެއް ހެއްޔެވެ؟
ޝަހީމަށް ނައިބުކަން ދެއްވުމާ މެދު ބައެއް މީހުން ބުނާ ވާހަކައެއް އެބައޮތެވެ. އެ ބޭފުޅާ އަކީ ނުހަނު ތެދުވެރި އިހްލާސްތެރި ނައިބަކަށް ވެވަޑައިގަތުމުގެ ފުރުސަތު ބޮޑު ބޭފުޅެކެވެ.
އެކަމަކު ބުނެވޭ ގޮތުގައި ޝަހީމް ހުންނެވީ އެހާ ފަސޭހައިން ސިޔާސީ މައިދާނަށް އަދި އެއީ ނައިބު ރައީސްގެ މަގާމުކަމުގައިވިޔަސް، އެހާ ފަސޭހައިން ދޫދެއްވުމުގެ ހިޔާލެއްގައެއް ނޫނެވެ. ނައިބު ރައީސްކަން ގަބޫލުނުކުރެއްވުމަށް ޝަހީމް ހުށަހަޅުއްވާފައިވާ ޝަރުތަކީ ޝައިހް އިމްރާން މިނިވަންކުރުން ކަމަށް ވެސް މި ވަނީ އަޑުއަރައިފަ އެވެ.
މިހައި ހިސާބުން މި ލިސްޓެއްގައި ދެން އޮތް ނަމަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
ފާރިޝް މައުމޫން
މިއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެންމެ ދޮށީ ދަރިކަލުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަމުގައި މިވަގުތު ހުންނެވި މި ބޭފުޅާ އަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މަޑުމައިތިރި ބޭފުޅެކެވެ.
ފާރިޝަށް ޔާމީންގެ ނައިބުކަން ދެއްވައިފި ނަމަ އެކަން ވެގެންދާނީ "މައުމޫންގެ އާއިލާ" އާއި ޔާމީނާ ދެމެދު އޮންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ވެރިކަމުގެ ވާދަވެރިކަމުގައި އަސްލެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ. ނުވަތަ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތަށް މައުމޫނުގެ ދަރިކަލަކު ރައީސްކަމަށް ގެނައުމުގެ ރަސްމީ ކެމްޕޭން އެ ހިސާބުން ފެށުނީއޭ ވެސް ބުނެފާނެ އެވެ.
މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިން ފާރިޝް އަކީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މާ ބޮޑަށް ފާހަގަކުރެވުނު މޫނެއް ނޫނެވެ. ސިޔާސީގޮތުން ކިތަންމެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަތަސް ފާރިޝް އަކީ ލޯ ޕްރޮފައިލެއްގައި އުޅުއްވި ބޭފުޅެކޭ ބުނެވިދާނެ އެވެ.
އެހެން ނަމަވެސް ޔާމީން ވެރިކަމަށް ވަޑައިގެން އިކޮނޮމިކްގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވި ހިސާބުން ފާރިޝް ފާހަގަކޮށްލެވެނީ ސިޔާސީ މައިދާނުގައި އަރަމުން އަންނަ ތަރިއަކަށެވެ.
ފަހަރެއްގައި މިއޮތްހާ ދުވަހު ފާރިޝަށް ސިޔާސީ ގޮތުން ކުރިމަތިވެ ވަޑައިގެންފައި ހުންނެވި އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ނައިބު ރައީސް އަދީބެވެ. ފާރިޝް އަދި އެ ބޭފުޅާގެ އާއިލާ އަކީ އަދީބު އެހާ ގަޔާވެ ވަޑައިގަންނަވާ ބައެއް ކަމަށް ނޫން ކަމަށް ބުނެވެ އެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ފާރިޝް ވާދަކުރެއްވިއިރު ވެސް އެ ބޭފުޅާގެ ސިޔާސީ ކެރިއަރު ހަލާކުކޮށްލުމަށް އަދީބު މަސައްކަތްކުރެއްވި ކަމުގެ ތުހުމަތު ކުރެވުނެވެ.
ފަހަރެއްގައި އެކަން އެހެންވީ އަދީބުގެ ނުފޫޒެއް އޮވެގެން ކަމަށް ވެސް ވެދާނެ އެވެ. އަދީބަކީ އޭރުގެ އެންމެ ބާރުގަދަ ވަޒީރެވެ. އެކަމަކު މިހާރު އަދީބެއް ނެތެވެ. އެހެންވީމަ އެ ބޭފުޅާ ކުރިން "އެންޖޯއިކުރެއްވި" ސިޔާސީ މަގާމަށް އެންމެފަހުން ފާރިޝް ވަޑައިގަންނަވަނީ ހެއްޔެޔެވެ؟
އަނީސާ އަހުމަދު
މިއީ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އިދިކޮޅު ފަރާތްތައް ކަމުގައިވާ މާރިޔާ އަހުމަދު ދީދީ އާއި އީވާ އަބްދުﷲ އަދި ރޮޒެއިނާ އާދަމް ފަދަ ބޭކަނބަލުން ފަހުރުވެރިވާން ޖެހޭ ވަރުގެ ނަމެކެވެ. އަނީސާއަކީ ނައިބު ރައީސްގެ މަގާމަށް ރަނގަޅު ހޮވުމެއް ނޫން ކަމަށް ގަބޫލުކުރާ ފަރާތްތަކުން ދެ ވަނަ ވިސްނުމަކަށް ދިއުން ރަނގަޅުވާނެ އެވެ. މިއީ ސިޔާސީ ގޮތުން އެންމެ ގަދަފަދަ ކަމަށް ބުނާ އެމްޑީޕީގެ އެންމެ ވަރުގަދަ އަންހެން ލީޑަރުންނަށް ވުރެން ވެސް ޝަހުސިއްޔަތު ބޮޑު ބޭކަނބަލެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 10 އަންހެނަކު ހޮވައިގެން ކޮންމެ އަހަރަކު އެމެރިކާގެ ޚާރިޖިއްޔާ އިން ދޭ "ހިތްވަރުގަދަ އަންހެނާ" ގެ އެވޯޑް ވެސް ލިބިވަޑައިގެންފައިވާ އަންހެނެކެވެ.
ޔަގީނަށް ވެސް އަންހެނުންގެ ހައްގުތަކަށް އަޑުއުފުލާ ފަރާތްތަކަށް އަނީސާވެގެން ދާނީ ފެވަރިޓަކަށެވެ. އެކަމަނާ އަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަމާއި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ބޭކަނބަލެކެވެ. ސަރުކާރަށް 34 އަހަރު ވަންދެން ނިކަން ވަފާތެރިކަމުގައި ހިދުމަތްކުރެެއްވި އެވެ.
އެ ހިދުމަތް ފެށިގެން ދިޔައީ 1973 ވަނަ އަހަރު އަދާކުރައްވަން ފެއްޓެވި ނަރުހެއްގެ ވަޒީފާއިންނެވެ. ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1979 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ މެމްބަރެއްގެ ގޮތުގަ އެވެ.
ކޮންމެއަކަސް ވަރަށް ވެސް ކާމިޔާބު، ވަރަށް ވެސް ހިދުމަތްތެރި އަދި އެހާމެ އިހްލާސްތެރި ނަމޫނާއެކެވެ. އެކަމަނާއަށް މި ނައިބުގެ ގޮނޑި ލިބިވަޑައިގެންފިނަމަ އެކަންވެގެންދާނީ ދިވެހި ޖުމްހޫރީ ވެރިކަމުގެ ތާރީހު ބަދަލުވެ، އާ ތާރީހެއްެ ފެށުމަށެވެ.
"އަޅުގަނޑުގެ ހަޔާތުގައި ކާމިޔާބު ނުވެ، ފެއިލްވެފައި ހުރީ ހަމައެކަނި ކައިވެނީގައި،" ހަވީރު ނޫހަށް 2012 ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި އަނީސާ ވިދާޅުވެފައިވެ އެވެ.
އަނީސާ އާއި ފާރިޝް އާއި ޝަހމް ނޫން ދެ ނަމަވެސް ރަށުތެރޭގައި ޝޯޓް ލިސްޓްވެފައި އެެބައޮތެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ ވަޒީރު މުހައްމަދު ސައީދާއި ޑރ. ޒާހިރު ހުސައިންނެވެ. އެކަމަކު މިއީއަކީ ފެވަރިންޓުން ކަމަކަށް ނުބެލެވެ އެވެ.