އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ 281 ފަރާތެއް ނަން ހިމެނޭ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި ދައުލަތުގެ މަގާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހެއްގެ ނަން ހިމެނިފައިވާ ކަމަށް ކޮމެޓީ ރިޕޯޓްގައި ބުނެފި އެވެ.
ކޮމެޓީ ރިޕޯޓްގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަގައި ބައިވެރިވާ ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 281 ފަރާތެއް ނަން ހިމެނޭ ލިސްޓް އާންމުކޮށްފައެވެ. އަދި އެ ރިޕޯޓްގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަގައި ބައިވެރިވާ ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހެއްގެ ނަން ވަކިން ވަނީ ފާހަގަކޮށްފައެވެ.
އޭގެ ތެރޭގައި ކެބިނެޓް މިނިސްޓަރުންނާއި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންނާއި މަޖިލީސް މެންބަރުކަން ކުރެއްވި ބޭފުޅުންނާއި ކޯޓްތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މެންބަރުކަން ކުރެއްވި ބޭފުޅުން ހިމެނެއެވެ.
ލިސްޓްގައި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ޕާލަމަންްޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ.
ލިސްޓުގައި ހިމެނޭ ޕީޕީއެމް / ޕީއެންސީގެ މެމްބަރުންގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރުން ހުސެއިން މުހައްމަދު ލަތީފް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫންގެ އިތުރުން މެމްބަރު އިބްރާހިމް ރިޒާ ހިމެނެ އެވެ.
ލިސްޓުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރޭގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ހިމެނި ވަޑައިގަންނަވަ އެވެ.
މިނިވަން މެމްބަރުންގެ ތެރެއިން ލިސްޓުގައި ހިމެނުނު ބޭފުޅުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ. އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ނަން ވެސް އެ ލިސްޓުގައި ވެއެވެ.
މިހާރު ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ހިމެނިވަޑައިގަންނަވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ނަމެވެ. ރައީސް ޔާމީންގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަރަށް ގިނަ ބޭފުޅުންގެ ނަން ލިސްޓްގައިވެއެވެ. ރައީސް ޔާމީންގެ ދެ ނާއިބު ރައީސުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު އަދީބުގެ ނަން ހިމެނިފައިވާއިރު މިހާރުގެ އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތުގެ ނަންވެސް ލިސްޓްގައި އެބައޮތެވެ.
އަދި ސޯޝަލް މީޑިއާގެ ބައެއް އެކްޓިވިސްޓުންނާއި އައްޑޫގެ އިންތިހާބީ މޭޔަރު އަލީ ނިޒާރުވެސް ހިމެނިވަޑައިގަންނަވައެވެ.