ހަބަރު

ގަވާއިދާ ހިލާފަށް އުޅޭ 100 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލަނީ

Jan 14, 2015

މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ 104 ބިދޭސީން ރާއްޖޭން ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ ފުލުހުންނާއި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީންނާއި ސުވާލުކޮށް ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް ނެތްކަމަށް 104 ބިދޭސީން އިތުރަށް މައުލޫމާތު ސާފުކުރުމަށްފަހު ރާއްޖޭން ފުރުވާލުމަށް އިމިގްރޭޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ވާކް ވިސާނެތް ބިދޭސީން ފުރުވާލުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް ކަމަށެވެ.

"... ރާއްޖޭގައި ހުރުމަށް ބިދޭސީންނަށް ދޫކުރެވިފައިވާ ވީޒާގެ މުއްދަތު ހަމަވުމަށްފަހު ރާއްޖޭން ފުރައިގެން ނުގޮސް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި ޢާމްދަނީ ހޯދުމަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވާކް ވީޒާ ދޫކުރެވިފައިވާ ބިދޭސީންގެ ތެރޭން ރާއްޖޭގައި ވަޒީފާގައި އެމީހުން ގެންގުޅުމަށް ހުއްދަ ދެވުނު ފަރާތްތަކަށް ފިލައިގެން އުޅެމުންދާ ބިދޭސީން ހޯދާ، ރާއްޖޭން ފުރުވާލުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ކަމެއް،" އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން ގާނޫނާއި ހިލާފަށް ރާއްޖޭގައި ބިދޭސީން ގެންގުޅޭ ފަރާތްތައް ދަނީ ޖޫރިމަނާ ކުރަމުންނެވެ. އަދި ކަނޑައެޅޭ މުއްދަތެއްގެ ފަހުންނޫނީ އެފަދަ ފަރާތްތަކަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ދޫނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. 

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 5000 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު އިމިގްރޭޝަނުން ފޮނުވާލާފައިވެ އެވެ.