ބޮލީވުޑް

ސަލްމާންގެ "ރާދޭ" މިއަދު ބަލާލެވިދާނެ

ސަލްމާން ޚާންގެ އާ ފިލްމު "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އީދު ދުވަހު ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ މީހަކަށް ވެސް ބަލާލެވިދާނެ އެވެ.

އީދު ދުވަހުގެ މެންދުރެއްހާއިރުން ފެށިގެން މި ފިލްމު ދުނިޔޭގެ ގައުމުތަކުގެ ސިނަމާތަކުގެ ތެރެއިން ހުޅުވާފައި ހުރި ހުރިހާ ސިނަމާއެއްގައި ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގެ 40 ގައުމެއްގައި އީދު ދުވަހު "ރާދޭ" ރިލީޒްކުރާނެ އެވެ. މީގެ ތެރެއިން ބައެއް ގައުމުތަކުގައި ސިނަމާތަކުގައި ވެސް ފިލްމު އެޅުވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. ޚާއްސަކޮށް ހިންދީ ފިލްމުތައް ރަނގަޅަށް ހިންގާ ބޭރު ގައުމުތަކުގެ ސިނަމާތަކުގައި ފިލްމު މިއަދުގެ މެންދުރުން ފެށިގެން އަޅުވާނެ އެވެ.

އަދި ފައިސާ ދައްކައިގެން އޮންލައިންކޮށް ވެސް ފިލްމު ބެލޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. އީދު ދުވަސް ކަމަށްވާ މޭ 13 ވަނަ ދުވަހު އިންޑިޔާ ގަޑިން މެންދުރު 12.00 އިން ފެށީގެން ޒީ5ގެ "ޒީ ޕޭ ޕާ ވިއު ސާވިސް" ކަމަށްވާ ޒީޕްލެކްސް އިން ފައިސާ ދައްކައިގެން މި ފިލްމު ބެލޭނެ އެވެ. ޒީ5 އަކީ އޯޓީޓީ ޕްލެޓްފޯމް އެކެވެ. އަދި ޑިޝް އޮޕަރޭޓްކުރާ ފަރާތްތަކުގެ ޑިޝް ތަކުން ވެސް ފައިސާ ދީގެން މި ފިލްމު ބެލޭނެ އެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓްކޮށްފައިވާ "ރާދޭ"ގައި ސުޕަސްޓާ ސަލްމާން ކުޅެނީ ރާޖްވީރް ޝިކާވަތު (ރާދޭ)ގެ ރޯލެވެ. މި ފިލްމަކީ ސަލްމާން ޚާނާއި ކޮއްކޮ ސުހައިލް ޚާންގެ ޕްރޮޑަކްޝަން ކުންފުނިތަކުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މިއީ މަސްތުވާ ތަކެތި ވިއްކާ ބޮޑުންގެ ބަޔަކާއި ޕޮލިސް ފޯސްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެން ދާނެ ފިލްމެއް ކަމަށް ސަލްމާން ބުނެފައި ވެއެވެ.

"ރާދޭ"ގެ ބަތަލާ އަކީ ދިޝާ ޕަޓްނީ އެވެ. ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފް ، ގޯތަމް ގުލާޓީ އަދި ޒަރީނާ ވައްހާބް ފިލްމުގެ ސަޕޯޓިން އެކްޓަރުންގެ ގޮތުގައި ފެންނާނެ އެވެ.

ސަލްމާންގެ ގިނަ ފިލްމުތައް ވަރަށް ދިގު ނަމަވެސް "ރާދޭ" އަކީ އޭނާގެ އެންމެ ކުރު ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ކުރި ފިލްމެވެ. މި ފިލްމުގެ ދިގުމިނަކީ ދެ ގަޑިއިރާއި 33 މިނިޓެވެ.

"ރާދޭ" އަކީ ޕްރަބޫ ދޭވާ އާއި ސަލްމާން އެކުގައި މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން އެ މީހުން ވަނީ "ވޯންޓަޑް" އާއި "ދަބަންގް 3" ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.