ބޮލީވުޑް

ދިޝާއާ އެކު ނެށުމުން ސަލްމާނަށް މަލާމާތްކޮށްފި

ސަލްމާން ޚާނާއި ދިޝާ ޕަޓްނީ މިހާތަނަށް ދެ ފިލްމެއް އެކުގައި ކުޅެފި އެވެ.

"ބާރަތު" އާއި "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އެވެ. "ބާރަތު" ބެލި މީހުންނަށް މި ޖޯޑު ކަމުދިޔަ އެވެ. ނަމަވެސް "ރާދޭ"ގައި މި ދެ ތަރިންގެ ކެމިސްޓްރީ ނުގުޅޭ ކަމަށް ބުނެ ވަރަށް މަލާމާތް ރައްދުވި އެވެ.

ޑުބާއީގައި މިހާރު ބާއްވަމުންދާ "ދަ-ބަންގް" ކޮންސެޓުގައި ސަލްމާނާއި ދިޝާ ޕާފޯމްކުރުން ވެސް ގިނަ ބަޔަކަށް ހަޖަމު ކުރެވޭ ކަމަކަށް ނުވި އެވެ.

"ރާދޭ'ގެ ލަވައަކަށް ދެ މީހުން ޕާފޯމްކުރާ ވީޑީއޯއެއް އޮންލައިންގައި ދައުރުވުމާއެކު ގިނަ މީހުން ވަނީ ސަލްމާނަށް ވަރަށް މަލާމާތްކޮށްފަ އެވެ.

ދިޝާ ނަށާލެއް ރީތިކަމަށް އެންމެން ވެސް ބުނެފައި ވެއެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދިޝާ އާއި ސަލްމާންގެ އުމުރުގެ ތަފާތު ބޮޑުކަމުން އެއްގޮތަކަށް ވެސް މި ދެ ޖޯޑު ނުގުޅެ އެވެ.

މަލާމާތްކުރާ ބައެއް މީހުން ބުނީ ސަލްމާން ހީވަނީ ދިޝާގެ ބައްޕަހެން ކަމަށެވެ. ބައެއް ކޮމެންޓުތަކުގައި ވެސް "ބައްޕަ އާއި ދަރިފުޅު" މިހެން ލިޔެފައި ވެއެވެ.

ސަލްމާނާއި އޭނާ އާއެކު މިހާރު ފިލްމުތަކުގައި ބައިވެރިވާ ބަތަލާއިންގެ އުމުރުގެ ތަފާތުގެ ވާހަކަ މި ފަހަކަށް އައިސް ވަރަށް ގިނައިން ދެކެވެ އެވެ. އަދި 55 އަހަރަށް ވުރެ މަތިވެފައިވާ ސަލްމާން 20 ވަރަކަށް އަހަރުގެ ބަތަލާއިންނާ އެކު ލޯބީގެ ފިލްމުތައް ކުޅޭތީ ހިތްހަމަނުޖެހި މަލާމާތްކުރާ މީހުން މިހާރަކަށް އައިސް ވަރަށް ގިނަ އެވެ.

އުމުރުން 50 ވަރަކަށް އަހަރު ވުމުން ބަތަލާއިންނަށް ލިބެނީ މަންމަ ރޯލުތައް ނަމަވެސް ސަލްމާން، ޝާހް، އަކްޝޭ އަދި އާމިރު ޚާން ފަދަ އެކްޓަރުން އަދިވެސް ބަތަލުގެ ބައި ކުޅޭތީ ވެސް މިހާރު އެމީހުންނަށް މަލާމާތް ރައްދުވެ އެވެ.

ސަލްމާން ޑުބާއީގައި މިހާރު ބާއްވަމުންދާ "ދަ-ބަންގް" ކޮންސެޓުގައި އޭނާ އާއި ދިޝާގެ އިތުރުން ސޮނާކްޝީ ސިންހާ، ޕޫޖާ ހެގްޅޭ، ސައީ މަންޖްރެކަރް އަދި އަޔޫޝް ޝަރުމާ ބައިވެރިވެ އެވެ.

ޕޫޖާއާ އެކު ވެސް ސަލްމާން މި ކޮންސެޓުގައި ނަށާފައި ވެއެވެ. އެ ނެށުމުގައި ވެސް ޕޫޖާއާ ފައިހަމަކޮށް ނަށަން ނޭނގިގެން ސަލްމާން ވައްތަރުތަކެއް ޖެއްސުމުން އެންމެން އެކަމާ ވެސް ވަރަށް ހީނ ޖޯކު ޖެހި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.