އީދު ދުވަހު ރިލީޒްކުރި ސަލްމާން ޚާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ލިބިއްޖެ އެވެ. ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެކި އޯޓީޓީ ޕްލެޓްފޯމްތަކުން ފައިސާ ދީގެން ފިލްމު ބެލި މީހުންގެ އަދަދު 4.2 މިލިއަނަށް އަރާފައިވާތީ އެވެ.
އީދުގެ ތަހުނިޔާ ކިޔަމުން ސަލްމާން ވަނީ އީދު ހަދިޔާގެ ގޮތުގައި އޭނާ ދިން ހަދިޔާގެ ބަދަލުގައި ބެލުންތެރިން ދިން ހަދިޔާއަށް ޝުކުރު އަދާކޮށްފަ އެވެ.
"އުފާވެރި އީދަކަށް އެދެން. 'ރާދޭ' އަކީ މިހާތަނަށް އޮންލައިންކޮށް އެއް ދުވަހަކު އެންމެ ގިނަ މީހުން ބެލި ފިލްމުގެ ރެކޯޑެއް ލިބި، އަހަރެންނަށް ދިން ރިޓާން ގިފްޓަށް ބެލުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ބެލުންތެރިންގެ ލޯތްބާއި ތާއީދާއި ނުލާ ފިލްމު އިންޑަސްޓްރީ ސަލާމަތެއް ނުވާނެ. ޝުކުރިއްޔާ،" ސަލްމާން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.
މިމަހުގެ 13 ވަނަ ދުވަހު "ރާދޭ" ރިލީޒްކުރީ ޒީ5ގެ ކޮންމެ ފަހަރަކަށް ވަކިން ފައިސާ ދައްކައިގެން ޚިދުމަތްދޭ ޒީޕްލެކްސް އިންނެވެ. އަދި ޑިޝް އޮޕަރޭޓްކުރާ ފަރާތްތަކުން ވެސް ހަމަ އެ ދުވަހު އެ ފަރާތްތަކުން އޮޕަރޭޓްކުރާ ޑިޝް ތަކުން ފިލްމު ބެލޭނެ އިންތިޒާމް ހަމަޖެއްސި އެވެ. ސިނަމާގައި ފިލްމު ރިލީޒްކުރީ އިންޓަނޭޝަނަލް މާކެޓްތަކުގެ ތެރެއިން ސިނަމާތައް ޚިދުމަތްދޭ ގައުމުތަކުގެ ސިނަމާތަކުގަ އެވެ. އިންޑިޔާގެ ސިނަމާތަކުގައި ފިލްމު އަޅުވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތަސް ކޮވިޑް-19ގެ ވަބާ މާ ބޮޑަށް ފެތުރިފައި އޮތުމުން އިންޑިޔާގެ ސިނަމާތަކުގައި ފިލްމެއް ނާޅުވަ އެވެ.
ސަލްމާން ބުނެފައިވަނީ ކޮވިޑް ވަބާ މައިތިރިވެ ސިނަމާތައް ހުޅުވޭގޮތް ވުމުން އިންޑިޔާ ސިނަމާތަކުގައި ފިލްމު އަޅުވާނެ ކަމަށެވެ.
"ރާދޭ" އަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ދިޝާ ޕަޓްނީ އާއި ރަންދީޕް ހޫޑާ އަދި ޖެކީ ޝްރޮފް މި ފިލްމުގައި މުހިއްމު ރޯލުތަކެއް އަދާކޮށްފައި ވެއެވެ.
ސަލްމާންގެ ފޭނުން މި ފިލްމު ބަލާފައި ފިލްމު މޮޅުވެގެން ސޯޝަލް މީޑިއާގައި ވަރަށް ވަރުދައްކާފައި އުޅުނަސް ކްރިޓިކްސް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ފާޑުކިއުންތެރިންގެ ނަޒަރުގައި މިއީ ސަލްމާންގެ ކުރީގެ ފިލްމުތަކާ ބަލާއިރު ވަރަށް ފެންވަރުދަށް އަދި ފިލްމުގެ ވާހަކައިގައި އެއްވެސް އޮއްޓަރެއް ނެތް ފިލްމެކެވެ.