އަހުމަދު ޝިޔާމް

އަސްލެއް ނެތް ތުހުމަތެއްކަން ސާބިތު ކޮށްދޭނަން: ޝިޔާމް

May 13, 2021
2

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަން ހިމަނައި ކުރާ ތުހުމަތުތަކަކީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއްކަން ސާބިތުކޮށްދޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މީހުންގެ ނަންތައް ހިމެނޭ ގޮތަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީއިން އެކުލަވާލި ލިސްޓުގައި ޝިޔާމުގެ ނަން ވެސް ވަނީ ހިމަނާފަ އެވެ.

ޝިޔާމް ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްކަން ސާފުވެގެން ދަނީ އެ ލިސްޓުގައި އޭނާގެ ނަމާ ދިމާލުގެ ކޮލަމުގެ ތަފްސީލުގައި "ކެމްޕޭނަށް އެއް މިލިއަން ދިން ވާހަކަ އަދީބު ބުނެފައިވޭ" އެ އިބާރާތުން ކަމަށެވެ. އެއީ އޭނާގެ އަބުރު ކަތިލައި ސަރުކާރު ޖަވާބުދާރީ ކުރުވަން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރުން ކުރި ކަމެއް ކަމަށެވެ.

"ކުރީގެ ނައިބު ރަައީސް އަޙުމަދު އަދީބު ޖަލުގައި ތަންފީޒުކުރަންޖެހޭ ހުކުމެއް ގޭގައި ހުރެގެން ތަންފީޒުކުރުމުގެ ބޭނުމުގައި ސަރުކާރާއެކު ހެދި ޑީލްގެ ތެރެއިން ސަރުކާރުން ބޭނުންވާ ގޮތަށް އަޅުގަނޑުގެ ނަންވެސް މިވަނީ އެމްއެމްޕީއާރުސީގެ ލިސްޓަށް މިފަހުން ގެނެވުނު ބަދަލާއިއެކު ހިމަނާފައި. މިއީ އެއްވެސް އަސާސެއް ނެތް ތުޙުމަތެއްކަން މިލިސްޓުގެ އަޅުގަނޑާ ދިމާލުގެ ކޮލަމްގެ ތަފްސީލުންވެސް ބުނެދޭ." ޝިޔާމް އޭނާގެ ފޭސްބުކުގައި ހިއްސާކުރި އެވެ.

ސިޔާސީ ހަޔާތަށް ނިކުމެވަޑައިގެންނެވީ ފަސްބައި ސާފު މީހެއްގެ ގޮތުގައި ކަމަށާއި އެގޮތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ލޯލާރިއެއްގައިވެސް ޖެހިފައި ނުވާނެ ކަމަށާއި އެއީ ތަހުގީގީ ޢިދާރާތަކަށް ކެނޑިނޭޅި ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުން އަވަސް ކުރުމަށް ގޮވާލަމުންދާ މީހެއް ކަމަށެވެ. މިއަދު ވެސް އެގޮވާލުން ގޮވާލާނެ ކަމަށް ވިދާޅުވި އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެ އެވެ. ސަބް ކޮމެޓީން ވަނީ އެ އެންމެން މަގާމުން ވަކި ކުރަންވެސް ފާސްކޮށްފަ އެވެ.

އޭގެ އިތުރުން މިހާރުގެ 16 މަޖިލިސް މެމްބަަރަކާއި ކުރީގެ ވަރަށް ގިނަ މަޖިލިސް މެމްބަރުންވެސް ހިޔާނާތުގެ ލިސްޓުގައި ވަނީ ހިމެނިފަ އެވެ. އިންތިހާބީ މަގާމުތަކުގައި މިހާރު ތިބި މީހުންގެ މައްސަލަތައް އަވަސް ކުރަން ދަންނަވަންވެސް މިއަދު މަޖިލީހުގެ ސަބް ކޮމެޓީން ފާސް ކުރި އެވެ.