މަރު

ސަރުދާރު ދޮންބެ އަވަހާރަވެއްޖެ

May 13, 2021

ދައުލަތުގެ ނިޝާނާއި ދިވެހި ފައިސާ ކުރެއްސެވުމުގައި ބައިވެރިވެފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އަވަހާރަވެއްޖެ އެވެ.

އުމުރުން 93 އަހަރުގައި ރޭ ފަތިހު ސަރުދާރު ދޮންބެ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަވަހާރަވުމުގެ ކުރިން ސިއްހީ ހާލުކޮޅު އެހާ ގޯސް ނޫން ކަމަށާއި އެކަމަކު މިދިޔަ އަހަރު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވި ކަމަށް ގާތް ބައެއް ބޭފުޅުން މައުލޫމާތު ދެއްވާފައިވެ އެވެ. ކޮވިޑް ބަލީގައި އޭރު ފަރުވާކޮށް ރަނގަޅުވި އެންމެ ދުވަސްވީ ބޭފުޅުންގެ ތެރޭގައިވެސް ސަރުދާރު ދޮންބެ ފާހަގަކޮށްފައިވެ އެވެ.

ސަރުދާރު ދޮންބެ އަކީ އުމުރުން 25 އަހަރުން ފެށިގެން ކުރެހުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ބޮޑެތި ތަސްވީރުތައް ކުރެއްސެވުމާއި، ގިޑިގެ ޑިޒައިން ކުރެއްވުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

މީގެ އިތުރުން ބޮއްޔާއި، މަހުގެ ކަށްޓާއި، މަހުގެ ހަމުން އެއްޗިހި ހެއްދެވުންވެސް ހިމެނެ އެވެ. އަދި ސްޓެންސިލްގައި ކުރަހައިގެން ނޫސްމަޖައްލާ ނެރުނު ދިގު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައްވެސް ހިމެނެ އެވެ.

ވަރަށް ގިނަ މައުރުޒުތަކުގައި ބައިވެރިވެ ގިނަ އަހަރުތަކަކު ރަންވަނަ ތަކެއް ހޯއްދެވި ސަރުދާރު ދޮންބެ އަކީ ފީނުމަށް ވެސް ވަރަށް ބޮޑަށް ޝައުގުވެރިވި ބޭފުޅެކެވެ.

ސަރުދާރު ދޮންބެ ދިވެހި ފައިސާ ކުރެއްސެވީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ތައާރަފްކުރެއްވި ނޫޓްތަކުގަ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުރެހުންތެރިން އުފެދިގެން އެ ކުރެހުންތެރިންގެ މަސައްކަތްތައް އާންމުވުމުގެ ކުރީގައި ގިނަ އަހަރުތަކެއް ވަންދެން މުޅި ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު ކުރެހުންތެރިޔަކީ ސަރުދާރު ދޮންމަނިކެވެ. އޭނާގެ ބައެއް ބޭފުޅުންނަކީ ވެސް ކުރެހުމުގައި ފާހަގަކުރެވޭ ބޭފުޅުންނެވެ.