ދީން

ހަރޯދައާ ގުޅޭ ޙުކުމްތައް

ރޯދަމަހަކީ ހެޔޮ ޢަމަލުތަކަށް ނަފްސު ހާނުވާލައި، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ހެޔޮކަމުގެ މަތީގައި ދެމިހުރުމަށް ލިބޭ ތަމްރީނެކެވެ. ރޯދަމަސް ނިމިގެންދިޔަ ކަމުގައިވިޔަސް ރޯދައިގެ އަޅުކަމާއި، ރޭގަނޑުގެ ސުންނަތް ނަމާދާއި، ކީރިތި ޤުރްއާން ކިޔެވުމަކަށް ނިމުމެއް ނެތެވެ.

ރޯދަމަސް ނިމުނަސް ފަރުޟު ނަމާދުތަކަށް ފަރުވާ ކުޑަ ނުކުރާށެވެ. އަދި ރޯދަމަހުގެ ތެރޭގައި، ތަރާވީޙު ނަމާދުކޮށް އުޅުނު މީހުން، ވަކީން ޚާއްޞަކޮށް ފަހު ދިހައެއްގައި ދަމުނަމާދުކޮށް އުޅުނުމީހުން، ރޯދަމަސް ނިމުނަސްވެސް އެއަޅުކަމުގައި ދެމިތިބުމަށް ފަރުވާތެރިވާށެވެ. އެންމެ މަދުވެގެން، ވިތުރީގެ ތިންރަކުޢަތް ނަމަވެސް ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ދަންވަރު ތެދުވެ ދަމުނަމާދު ނުކުރެވޭނަމަ، ނިދުމުގެ ކުރިން ވިތުރީގެ ތިންރަކުޢަތް ކޮށްލައިގެންނަމަވެސް މި މަތިވެރި އަޅުކަން އަދާކުރުވޭތޯ ބެލުން މުހިންމެވެ.

ރޯދަމަހު ކީރިތި ޤުރްއާނުން ޚަޠިމެއް ނުވަތަ ދެ ޚަޠިމު ނުވަތަ އެއަށްވުރެ މަދުން ނުވަތަ ގިނައިން ކިޔެވުމުގައި ވަގުތު ހޭދަކޮށްފައިވާ މީހުންވެސް، ރޯދަމަސް ނިމުމުން ޤުރްއާން ކިޔެވުން ހުއްޓައި ނުލާށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދާޘް ކުރައްވާފައިވެއވެ.

«مَنْ قَرَأَ عَشْرَ آيَاتٍ فِي لَيْلَةٍ لَمْ يُكْتَبْ مِنَ الْغَافِلِينَ» (رواه الحكم وصصحه الألباني) މާނައީ: "ރޭގަނޑު ދިހަ އާޔަތް ކިޔަވައިފި މީހާ ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުށްޓެވެ." އަދި ބައެއް ބަސްފުޅުތަކުގައިވެއެވެ. ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހާ ގިނަވަގުތު އަޅުކަމުގައި ހުރުމުގެ ދަރުމަދެއްވާނެތެވެ. ވީމާ، ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުމަށް ކަނޑައަޅާށެވެ. އަދި ކީރިތި ޤުރްއާނާ ތިބާއާ އޮތް ގުޅުން މެދުކަނޑާ ނުލާށެވެ.

ރޯދަމަސް ނިމުނަސްވެސް ރޯދައިގެ އަޅުކަން ނިމިގެން ނުދާކަމުގެ އެންމެ ބޮޑު ހެއްކަކީ، ޝައްވާލުމަހުގެ ހަރޯދައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ރަމަޟާންމަހުގެ ރޯދަ ހިފުމަށްފަހު، ޝައްވާލުމަހުން ހަރޯދަ ހިފައިފި މީހާ، މުޅި އަހަރު ދުވަހު ރޯދަ ހިފިފަދައެވެ." އެބަހީ: މުޅި އަހަރު ރޯދަހިފުމާ އެއްފަދަ ދަރުމައާއި ސަވާބު ދެއްވާނެތެވެ. ވީމާ، ރޯދަމަސް ނިމުމާ ވިދިގެން ޝައްވާލުމަހުގެ ހަރޯދައިގެ އަޅުކަން އަދާކުރަން ފަރުވާތެރިވެލައްވާށެވެ.

ހަރޯދައިގެ އަޅުކަމާ ގުޅޭގޮތުން އެކި ފަރާތްތަކުގެ ހިތުގައި އެކި ސުވާލުތައް އުފެދެވެ. އޭގެ ތެރެއިން ބައެއް ސުވާލުތަކަށް ބަލައިލަމާތޯއެވެ.

ފަރުޟު ރޯދައެއް އޮއްވާ ހަރޯދަ ހިފިދާނެތަ؟

ޝައްވާލު މަހުގެ ހަރޯދައާ ގުޅިގެން ގިނަ ފަރާތްތަކައްގެ ހިތުގައި އުފެދޭ ސުވާލަކީ، ޝަރުޢީ އުޒުރަކާހުރެ ރަމަޟާންމަހު ރޯދަތަކެއް ނުހިފިވަނިކޮށް، އެރޯދަތައް ޤަޟާކުރުމުގެ ކުރިން ޝައްވާލުމަހުގެ ހަ ރޯދަ ހިފިދާނެތޯއެވެ. މިސުވާލުގައި ޢިލްމުވެގެރިންގެ ދެ ރައުޔެއްވެއެވެ.

* އެކެއް: ހަރޯދައިގެ ސަވާބު ޙާޞިލުވާނީ ރަމަޟާންމަހުގެ ރޯދަ ހިފައި ފުރިހަމަކުރުމަށްފަހު ހަރޯދަ ހިފާ މީހުންށެވެ. ވީމާ، ހަރޯދަ ހިފުމުގެ ކުރިން ރަމަޟާންމަހުގެ ދޫވެފައިވާ ރޯދަތައް ޤަޟާކުރަން ޖެހޭނެއެވެ. މިފަދައިން ދެކެވަޑައިގަންނަވާ ބޭކަލުންގެ ތެރޭގައި ސަޢުދީ ޢަރަބިޔާގެ ކުރީގެ އިސް މުފްތީ، އިބްނު ބާޒް رحمه الله އާއި ޝައިޚް އިބްނު ޢުޘައިމީން رحمه الله ވެސް ހިމެނިވަޑައިގަންނަވައެވެ.

އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި، ހަރޯދައާ ގުޅޭގޮތުން ކިރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅުން ދޭހަވަނީ، އެފަދައިންނެވެ. އިސްވެ ބަޔާންކުރެވުނު ޙަދީޘްގައިވަނީ "ރަމަޟާންމަހުގެ ރޯދަ ހިފުމަށްފަހު، ޝައްވާލުމަހުން ހަރޯދަ ހިފައިފި މީހާ، މުޅި އަހަރު ރޯދަ ހިފި ފަދައެވެ." މިޙަދީޘްގައިވާ މުޅި އަހަރު ރޯދަ ހިފުމުގެ ސަވާބު ޙާޞިލުވާނީ، ރަމަޟާންމަހުގެ ރޯދަ ހިފުމުންނެވެ. ވީމާ، ގެއްލިފައިވާ ރޯދަތައް ޤަޟާ ކުރުމަށްފަހު މެނުވީ ޝައްވާލުމަހު ހަރޯދަ ހިފުމެއް ނުވާކަމުގައި އެބޭކަލުން ވިދާޅުވެއެވެ.

* ދޭއް: މި މައްސަލައިގައި އޮތް ދެވަނަ ރައުޔަކީ، ރޯދަމަހުގެ ގެއްލިފައިވާ ރޯދައެއް ޤަޟާ ކުރަންޖެހިފައިވީނަމަވެސް، ފުރަތަމަ ހަރޯދަ ހިފުމުން، އެ ހަރޯދައިގެ ދަރުމަ އާއި ސަވާބު ޙާޞިލުވާނޭ ކަމުގައެވެ. އެހެނީ، ރޯދަމަހު ޝަރުޢީ އުޒުރަކާހުރެ ރޯދައެއް ދޫކޮށްލާފައިވާ މީހަކު، އަހަރުގެ ކޮންމެ ދުވަހަކު އެރޯދަ ޤަޟާ ކުރިނަމަވެސް މައްސަލައެއް ނެތެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ އެފަދައިން އަންގަވާފައެވެ. އަދި ހަމައެފަދައިން، ރޯދަމަހު ޝަރުޢީ އުޒުރަކާހުރެ ރޯދައެއް ދޫކޮށްލާފައިވާ މީހަކީ ރޯދަމަހުގެ ރޯދަ ހިފިމީހަކާ އެއް ޙުކުމެއްގައިވާ މީހެއްކެވެ.
ކަންމިހެން އޮތްނަމަވެސް، ޢިލްމުވެރިންގެ މެދުގައި ދެބަސްވުމެއް ނެތްކަމަކީ، ފަރުޟު ރޯދައެއް ހިފަންޖެހިފައިވާ މީހާއަށް އެންމެ ހެޔޮވެގެންވާ ގޮތަކީ، ޤަޟާކުރަން ޖެހިފައިވާ ރޯދަތައް ހިފާ ފުރިހަމަކޮށްލުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މާތް ﷲ އެންމެ ލޯބިވެވޮޑިގެންވަނީ، އަޅުތަކުންނަށް ފަރުޟު ކުރެއްވި އަޅުކަން އަދާ ކުރުމަށެވެ. ދެން އެއަށްފަހު ސުންނަތް އަޅުކަން އަދާ ކުރުމުގައި އޭނާ ދެމި ހުރެއްޖެނަމަ މާތް ﷲ އެ އަޅެއްދެކެ ލޯބިވެވޮޑިގަންނަވައެވެ." (މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.)

ހަރޯދަ ހިފަންޖެހޭނީ ވިދިވިދިގެންތަ؟

ޝައްވާލު މަހުގެ ހަރޯދަ ހިފުމުގައިގައި ވިދިވިދިގެން ހިފުމަކީ ލާޒިމު ކަމެއް ނޫނެވެ. ހަރޯދަ ހިފަން އެދޭމީހާ، ފިޠުރު ޢީދު ދުވަސް ދޫކޮށް، ޝައްވާލު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހަ ދުވަހު، ވިދިވިދިގެން ހިފިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އަދި ޝައްވާލު މަހުގެ ތެރޭގައި ވަކިވަކީން ހިފަމުންގޮސް ހަރޯދަ ފުރިހަމަ ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ.

ހަރޯދަވެރިންގެ ޢީދު ވޭތަ؟

ރޯދަމަސް ނިމުމަށްފަހު، ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެން ވިދިވިދިގެން ހަދުވަހު ރޯދައަށް ތިބޭ ފަރާތްތަކަށް، ހަރޯދައިގެ އަޅުކަން ނިމޭނީ ޝައްވާލު މަހުގެ ހަތްވަނަ ދުވަހެވެ. ވީމާ، ބައެއް ފަރާތްތަކުން ދެކޭގޮތުގައި ޝައްވާލު މަހުގެ އަށްވަނަ ދުވަހަކީ ހަރޯދަވެރިންގެ ޢީދު ދުވަހެވެ. ނަމަވެސް، މިއީ ރަނގަޅު ބުނުމެއް ނޫނެވެ. މުސްލިމުންނަށްވަނީ ދެ ޢީދު ދެވަހެވެ. ވީމާ، ހަރޯދަވެރިންނަށް ޚާއްޞަވެފައިވާ ޢީދެއް ވާކަމަށް ދެކުމަކީ ހުއްދަކަމެއް ނޫނެވެ.

އިސްވެ ދެންވުނު ފަދައިން ރަމަޟާންމަސް ނިމުނެއްކަމަކު ހެޔޮކާމާއި، އަޅުކަމަށް ނިމުމެއްނެތެވެ. އަހަރުގެ އެކި ދުވަސްތަކުގައި އަޅުކަމުގެ އެކި މޫސުންތައް އަޅުގަނޑުމެންނާ ބައްދަލުކުރެއެވެ. އޭގެ ތެރޭގައި، ޝައްވާލު މަހުގެ ހަރޯދައާއި، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ އަޅުކަމާއި، ޢަރަފާތް ދުވަހުގެ ރޯދައާއި، ޢާޝޫރާ ދުވުގެ ރޯދަ ހިމެނެއެވެ. އަދި ކޮންމެ މަހެއްގެ ހަނދުބޮޑުވާ ތިންދުވަހު ހިފާ ރޯދައާއި، ހޯމަ ބުރާސްފަތީގައި ހިފުން ސުންނަތްވެގެންވާ ރޯދަ ހިމެނެއެވެ. ވީމާ، ރޯދަމަސް ނިމިގެން ދިޔަނަމަވެސް ހެޔޮ އަމަލު ކުރުން މަތީ ދެމިހުންނާށެވެ.