ސޮނީ ޓީވީގެ މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑޮލް"ގެ 12 ވަނަ ސީޒަން ކުރިއަށް ދާއިރު މި ޝޯ އަށް ބެލުންތެރިން ދޭ ތަރުހީބާ އެއްވަރަށް ތަފާތު ފާޑުކިޔުންތައް ވެސް އަމާޒުވަމުން ދެއެވެ.
ޓީއާރްޕީ ޗާޓުގެ ތިން ވަނައިގައި މިހާރު އޮތް މި ޝޯއަށް އެންމެ ފަހުން ފާޑުކިއުން އަމާޒުވީ މިދިޔަ ހަފުތާގައި ދެއްކި ދެ އެޕިސޯޑުގައި ބައިވެރިވި ލަވަކިޔުންތެރިޔާ އަމިތު ކުމާރު ދެއްކި ވާހަކަ ތަކަކާ ގުޅިގެންނެވެ.
އަމިތު އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ދޮށީ ދަރިފުޅެވެ. މިދިޔަ ހަފުތާ ބަންދުގައި ދެއްކި ދެ އެޕިސޯޑު ޚާއްސަކޮށްފައިވަނީ ކިޝޯރު ކުމާރަށެވެ. އެހެންވެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އަމިތު ޝޯގައި ބައިވެރިކުރީ އެވެ.
މި ދެ އެޕިސޯޑު ދެއްކި ފަހުން ޝޯގެ ބައެއް ބައިވެރިންނާއި ބައެއް ޖަޖުން ކިޝޯރުގެ ވަރަށް ރީތި ލަވަތައް މާހުތުރުކޮށް ކިޔާފައިވާ ކަމަށް ބުނެ ބެލުންތެރިން ސޯޝަލް މީޑިއާގައި މި މީހުންނަށް އިންތިހާއަށް ފާޑުކިޔަން ފެށުމުން އަމިތު ކުމާރު ވަނީ އޭނާ ވެސް ޝޯ ކުރިއަށް ދިޔަ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ޝޯ އަށް ފާޑުކިޔާފަ އެވެ.
އަމިތުގެ ފާޑުކިޔުންތަކަށް ޝޯގެ ހޯސްޓް އަދިތުޔާ ނާރަޔަން މިހާރު ވަނީ ޖަވާބު ދީފަ އެވެ. އަދިތުޔާ ބުނި ގޮތުގައި ކިޝޯރު ކަހަލަ ވަރުގަދަ ޝަޚްސިއްޔަތަކަށް އެކަށީގެންވާ ޓްރިބިއުޓެއް ދިނުމަކީ އެންމެ ގަޑިއެއް ދެ ގަޑިއިރު ތެރޭގައި ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
ޚާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑުކަން އިންޑިއާގައި އިންތިހާއަށް އިތުރުވެ މަހަރަޝްތުރާގެ ސްޓޫޑިއޯގައި ހަދާފައިވާ ސެޓުގައި ޝޫޓްކުރުމުގެ ހުއްދަ ނުލިބި ޝޯގެ ކުރޫންނާއި ބައިވެރިން ދަމަން ކިޔާ ރަށެއްގައި ވަގުތީ ސެޓެއް ތައްޔާރުކޮށް އެތަނަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޕްރެކްޓިސް ކުރާނެ ވަގުތު ނުލިބުމާއި ދަމަން އަށް ދިޔަ ކުރޫން މަދުވުމުން ވެސް ތަފާތު އިތުރު އެތައް މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ.
"ޖަޖުންނާއި ބައިވެރިންނަށް ރަނގަޅަށް ހަމަޖެހިލާނެ ވަގުތު ނުލިބުމާއި ތަފާތު ސެޓެއްގައި ރިހާސަލް ކުރަން ލިބުނު ފުރުސަތު ވެސް މަދުވުމުން މިފަދަ ގޮތެއް ދިމާވީ،" އަދިތުޔާ ބުނެފައިވެ އެވެ.
އިންޑިއާގެ އޮންލައިން ނޫހަކަށް ދިން އިންޓަވިއު އެއްގައި އަދިތުޔާ ބުނީ މީގެ ކުރިން ވެސް ވަރަށް ގިނަ ސީޒަންތަކުގެ ގިނަ އެޕިސޯޑުތަކެއްގައި އަމިތު ބައިވެރިވެފައިވާ ކަމަށާއި ހުރިހާ ފަހަރަކުވެސް އޭނާ ވަރަށް ބޮޑަށް ޝޯ އަށާއި ބައިވެރިންނަށް ތައުރީފު ކުރާތީ ފެނިފައިވާ ކަމަށެވެ. އެގޮތުން މިފަހަރު ވެސް އޭނާ ޝޯގެ ބައިވެރިންނަށް އިންތިހާއަށް ތައުރީފުކުރި ކަމަށާއި ލަވަތަކާ ގުޅޭ އަމިއްލަ ތަޖުރިބާތަކުގެ ވާހަކަތައް ހިއްސާކޮށް ވަރަށް އުފާވެރި ވަގުތުތަކެއް ޝޫޓިންގައި ހޭދަ ކުރި ކަމަށެވެ.
"އޭނާ ހިތްހަމަނުޖެހޭ ކަންތައްތަކެއް ހިނގަމުން ދިޔަ ނަމަ ޝޫޓިން ކުރިއަށް ދިޔަ ވަގުތު އެ ވާހަކަ ބުނި ނަމަ އަހަރެމެންނަށް އެކަންކަން ރަނގަޅުކުރަން މަސައްކަތް ކުރެވުނީސް. އޭނާ ހިތްހަމަޖެހޭ ގޮތަށް ކަންކަން ކުރިއަށް ގެންދަން އަހަރެމެން އުފަލާއެކު މަސައްކަތް ކުރީމުސް އެ ވަގުތު އެކަން ހިއްސާ ކުރިނަމަ،" އަދިތުޔާ ބުންޏެވެ.
އަމިތު ބުނެފައިވަނީ އޭނާ ޝޯގައި ބައިވެރިވީ ފައިސާގެ ބޭނުމުގަ އެވެ. އަދި ޝޯގެ ހުރިހާ ބައިވެރިންނަށް ތައުރީފް ކުރަން ޝޯގެ ޕްރޮޑިއުސަރުން އޭނާގެ ކިބައިން އެދުނު ކަމަށްވެސް އަމިތު ބުނެފައިވެ އެވެ. އަދި ޝޯ އަކީ ދުރާލާ ސްކްރިޕްޓް ކޮށްގެން ކުރިއަށް ގެންދާ ޝޯއެއް ކަމަށް ހީވާ ގޮތަށް ވެސް އަމިތު ވާހަކަ ދެއްކި އެވެ.
"އަހަރެން އެމީހުން ކައިރީ ބުނިން ސްކްރިޕްޓްގެ މަގޭ ޕޯޝަން ކުރީ ބައިގައި ދޭށޭ. އޭރުންނޭ ފަސޭހަ ވާނީ،" އަމިތު ބުންޏެވެ.
"އަހަރެން ޝޯގައި ކަންތައް ކުރީ އަހަރެން ކައިރީގައި ކުރަން ބުނި ގޮތަށް. ކޮންމެ މީހަކުވެސް ފައިސާ ބޭނުންވާނެ. އަހަރެންގެ ބައްޕަ އަކީ ވެސް ފައިސާއާ ދޭތެރޭ ވަރަށް ފަރުވާ ބެހެއްޓި މީހެއް. ޝޯގައި ބައިވެރިވާން އަހަރެން ކީ އަގު އެމީހުން އަހަންނަށް ދިން. އެހެންވެ އަހަރެން ބައިވެރިވީ. އަހަރެންގެ އިހުތިރާމާއި ލޯބި އަދިވެސް ޝޯގެ ޖަޖުންނާއި ބައިވެރިންނަށް އެބައޮތް. ބައެއް ފަހަރު މި ކަހަލަ ކަންކަން ވެސް ދިމާވާނެ. އަހަރެންގެ އެދުމަކީ ދެން ފަހަރަކުވެސް ކިޝޯރު ކުމާރަށް ޓްރިބިއުޓް ދޭނަމަ އެކަން ވީ އެންމެ ފުރިހަމައަކަށް ކުރުން،" އަމިތު ބުންޏެވެ.