ބޭރު ކުޅިވަރު

ޖަރުމަނާއި ބެލްޖިއަމް އަދި އިޓަލީން ޔޫރޯ ޖާޒީ ދައްކާލައިފި

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ، ބެލްޖިއަމް އަދި އިޓަލީން އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާނެ ޖާޒީ ދައްކާލައިފި އެވެ.
ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ޕޫމާއިން ތައްޔާރުކޮށްފައިވާ އިޓަލީގެ ޖާޒީގައި ދައްކާލުމުގައި ބައިވެރިވީ ކެޕްޓަން ޖިއާން ލުއިޖީ ބުފޮން އާއި މަނޯލޯ ގަބިއާންޑީނީ އާއި ޑޭވިޑް އަސްޓޯރީ އެވެ.

ބުފޮން ބުނީ އިޓަލީ މީހުން ގަބޫލުކުރާ ވައްތަރުގެ ޖާޒީ އެއް ކުޅުންތެރިން ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަލަށް ތައްޔާރުކުރި ޖޫ ޖާޒީގައި ވެސް އިޓަލީވަންތަކަން އެބަހުރި ކަމަށެވެ.

ފްރާންސްގައި އަންނަ އަހަރު ބާއްވާ މުބާރާތުގައި އިޓަލީން ބޭނުންކުރާނެ އަވާ ޖާޒީ ވަނީ މި އަހަރު ކުރީކޮޅު ދައްކާލައިފަ އެވެ.

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ވިލާތުގެ ޖާޒީ ދައްކާލީ އިއްޔެ އެވެ.

ވެރިރަށް ބާލިން ބޭއްވި ރަސްމިއްޔާތުގައި އެޑިޑާސްއިން ތައްޔާރުކުރި އާ ޖާޒީ ދައްކާނީ ކީޕަރު މެނުއަލް ނޯޔާ އާއ ޓޯނީ ކުރޫސް އަދި ތޯމަސް މުލާ އާއި ބަސްޓިއަން ސްވައިންސްޓައިގާ އެވެ.

ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަނަކީ ޔޫރޯ ތިން ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ.

ބެލްޖިއަމުން ބޭނުން ކުރާނީ ވެސް އެޑިޑާސްއިން ތައްޔާރުކޮށްފައިވާ ޖާޒީ އެކެވެ. އެ ޓީމުން ވަނީ ބެލްޖިއަމް އެންމެ އަވަހަށް ކުޅޭ މެޗުތަކުގައި މި ޖާޒީ ބޭނުންކުރުމަށް ނިންމައިފަ އެވެ.

ޗެކްރިޕްބަލިކް:

ޗެކްރިޕަބްލިކުން ވެސް ވަނީ އެ ޓީމުގެ އާ ޖާޒީ ދައްކާލައިފަ އެވެ. މަޝްހޫރު ނެދަލޭންޑްސް ބަލިކޮށް ޔޫރޯ އަށް ކޮލިފައިވި ގައުމުން އުއްމީދު ކުރަނީ އާ ޖާޒީ އަކީ 1996 ވަނަ އަހަރު މުބާރާތުގައި ދެ ވަނަ ހޯދި އިރު ފަދަ ކާމިޔާބީއަކަށް މަގުފަހުކޮށްދޭން ޖާޒީއަކަށްވާނެ ކަމަށެވެ. މި ޖާޒީ ވެސް ތައްޔާރުކޮށްދީފައިވަނީ ޕޫމާއިންނެވެ.

އެކަމަކު 96އާ ހިލާފަށް މި ފަހަރުގެ ޖާޒީ ތައްޔާރުކޮށްފައިވަނީ މުޅިން ވެސް ރަތުންނެވެ. ކުރިން ކޮނޑުމަތީގައި އިން ނޫ ފަށުގެ ބަދަލުގައި އާޖާޒީގައި އެ ފަށް ކުރަހާފައިވަނީ މަޑު ރަތްކުލައަކުންނެވެ.