ބޭރު ކުޅިވަރު

ނިއުޔޯކް ސިޓީގެ ކޯޗަކަށް ވިއޭރާ

އެމެރިކާގެ ނިއުޔޯކް ސިޓީގެ ކޯޗަކަށް ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ޕެޓްރިކް ވިއޭރާ ހަމަޖައްސައިފި އެވެ.

އާސެނަލްގެ ކުރީގެ ކެޕްޓަން ނިއުޔޯކް ސިޓީގެ ކޯޗަކަށް ހަމަމިޖެއްސީ އޭނާ އަދާކުރަމުންދިޔަ މެންޗެސްޓާ ސިޓީގެ ޔޫތު ޓީމުގެ ކޯޗުކަމުން ވަކިވުމުންނެވެ.

ނަމަވެސް މެންޗެސްޓާ ސިޓީ އާއި ނިއުޔޯކް ސިޓީ އަކީ އެއް އާއިލާއެއްގެ ދެ ކުލަބެވެ. ދެ ކުލަބުގެ ވެސް ވެރިއަކީ ޝައިހް މަންސޫރު ހިންގަވާ ކުލަބެވެ.

ނިއުޔޯކް ސިޓީގެ ކޯޗުކަމާ ވިއޭރާ ހަވާލުވިއިރު އެ ޓީމަކީ އެމެރިކާގެ މޭޖާ ލީގުގައި ވާދަ ކުރާ ކުލަބުތަކުގެ ތެރެއިން މަޝްހޫރު ކުޅުންތެރިން އެންމެ ގިނަ އެއް ކުލަބެވެ. ހުސްވި ސީޒަނުގައި މެންޗެސްޓާ ސިޓީ އަށް ކުޅުނު ޗެލްސީގެ ކުރީގެ ވައިސް ކެޕްޓަން ފްރޭންކް ލަމްޕާޑާއި އިޓަލީގެ އަންދްރޭ ޕިރްލޯ އާއި ސްޕޭނުގެ ޑޭވިޑް ވިޔާ ފަދަ ކުޅުންތެރިންނަކީ މި ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ.

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށްފަހު ވިއޭރާ ބުނީ "ކޯޗުކަމާ ހަވާލުވެވުމުން އޭނާ ވަރަށް އުފާވެއްޖެ،" ކަމަށެވެ.

1996 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް އާސެނަލް އަށް ކުޅުނު ވިއޭރާ ވަނީ އެކުލަބުގައި ހަތް ތަށި ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން އޭނާ ފެނިގެންދިޔައީ އިޓަލީގެ އިންޓަމިލާނާއި ޔުވެންޓަސްއިންނެވެ.

1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ފްރާންސް ޓީމުގައި މުހިންމު ދައުރެއް އަދާކުރި ވިއޭރާ 2011 ވަނަ އަހަރު ކުޅުން ހުއްޓާލީ މެންޗެސްޓާ ސިޓީންނެވެ. އޭގެ ފަހުން އޭނާ ފެނިގެންދިޔައީ ސިޓީގެ ޓެކްނިކަލް ޑައިރެކްޓަރުގެ ވަޒީފާއިންނެވެ.