ބޭރު ކުޅިވަރު

މޯޔީސް ސޮސިއެޑާޑްގެ ކޯޗުކަމުން ވަކިކޮށްފި

ސްޕެނިޝް ލީގުގެ ރެއާލް ސޮސިއެޑާޑްގެ ކޯޗކަމުގެ ޑޭވިޑް މޯޔީސް ވަކިކޮށްފި އެވެ.

މަގާމާ ހަވާލުވިތާ މިއަދަށް އެއް އަހަރު ފުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން މޯޔީސް މަގާމުން ވަކިކުރީ އޭނާގެ ބަލުމުގެ ދަށުން މި ސީޒަނުގައި މިހާތަނަށް ކުޅުނު 11 މެޗުން އެކަށީގެންވާ ނަތީޖާއެއް ނުލިބުމުންނެވެ. އެ ޓީމު މިވަގުތު އޮތީ އެންމެ ނުވަ ޕޮއިންޓާއެކު ޓޭބަލުގެ 16 ވަނާގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވިތާ އެންމެ 10 މަސްދުވަހުގެ ތެރޭގައި މަގާމުން ވަކިކުރި މޯޔީސްއާއެކު އޭނާގެ އެސިސްޓެންޓް ކޯޗު ވެސް ވަނީ ވަކިކޮށްފަ އެވެ.

މޯޔީސްގެ ބަދަލުގައި ސޮސިއެޑާޑްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ބާސެލޯނާގެ ކުރީގެ އެސިސްޓެންޓް ކޯޗު ޔޫސޭބިއޯ ސަކްރިސްޓަން އެވެ.

މޯޔީސް އަކީ އެލެކްސް ފާގަސަން 27 އަހަރު ކޮށްފައި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަން ދޫކޮށްލުމަށްފަހު ފާގަސަންގެ ބަދަލުގައި މެންޗެސްޓާ އަށް ގެންދިޔަ ކޯޗެވެ. އެކަމަކު މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާ މަގާމުން ވަކިކުރީ ނަތީޖާ ގޯސްވުމާއެކު ކުޅުންތެރިންނާ ވެސް ގުޅުން ގޯސްވުމުންނެވެ. އޭނާ މެންޗެސްޓާ އަށް ދިޔައީ އެވަޓަންގައި 12 އަހަރު ކޯޗުކޮށްދީފަ އެވެ.