ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އައްޑޫގައި ނަމާދު ޖަމާއަތް ހުއްޓާލައިފި

May 15, 2021

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި މިއަދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް އަންގާފައި މިވަނީ އައްޑޫގައި އަނެއްކާވެސް ކޮވިޑް ކޭސްތައް ފެނުން އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އައްޑޫން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވެ އެވެ.

އައްޑޫން ކޮވިޑް ކޭސްތައް ފެނުން އިތުރުވަމުން ދާތީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އައްޑޫއަށް އަރާ ފޭބުން މަނާކޮށް އަދި މިހާރު ވަނީ ހަވީރު 6:00 އަކުން ފަތިހު 4:00 އަށް ކާފިއު ވެސް ހިންގާފަ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ވެސް މިހާރު ވަނީ އައްޑޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކާފިއު ގަޑީގައި އެއްވެސް ފަރާތަކުން ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާނަމަ ހުއްދަ ނަގައިގެން ނޫނީ އެ މަސައްކަތެއް ނުކުރުމާއި، އެއް އަވަށުން އަނެއް އަވަށަށް ނުދިއުމަށްވެސް ވަނީ އަންގާފަ އެވެ. އަދި ގޭގެއަށް ޒިޔާރާތް ނުކުރުމާއި، ބިދޭސީން ވެސް ގޭގެއަށް ގެންގޮސް މިދުވަސް ވަރު މަސައްކަތް ނުކުރުވުމަށްވެސް ވަނީ އެދިފަ އެވެ.

މީގެއިތުރުން ފިހާރަތަކާއި ރެސްޓޯރަންޓްތައް ހިންގަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ވެސް ގެންދަނީ ކުރަމުންނެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން އާންމުކޮށްފައިވާ ކޮވިޑްގެ ތަފާސްހިސާބުތަކަށް ބަލާއިރު އައްޑޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ 97 މީހަކު މިވަގުތު ވެސް ގެންދަނީ ފަރުވާ ހޯދަމުންނެވެ. އައްޑޫގެ އެކި ރަށްތަކުން އިއްޔެ ވަނީ 15 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އައްޑޫގައި ކޮވިޑް ޖެހިފައިވާ އެއްވެސް މީހަކު މިވަގުތު ނެތް ރަށަކީ މަރަދޫ އެވެ. ކޮވިޑް ކޭސްތައް އެންމެ ގިނައީ ހުޅުދޫގަ އެވެ. އެރަށުގައި 52 މީހަކު މިބައްޔަށް ފަރުވާ ހޯދަމުންދާއިރު ހިތަދޫގައި 27 މީހުން، މީދޫގައި 11 މީހުން އަދި މަރަދޫފޭދޫގައި އެކަކު މިވަގުތު ފަރުވާ ހޯދަމުންދެ އެވެ.

އައްޑޫ ސިޓީ ލޮކްޑައުން ކުރި ފަހުން މިހާތަނަށް 1،813 ސާމްޕަލް ނަގާފައިވާ ކަމަށްވެސް އީއޯސީން ވަނީ ހާމަކޮށްފަ އެވެ.