ރައްޔިތުންގެ މަޖިލިސް

ހަރުކަށި ފިކުރާ ހެދި މަޖިލިސް ކަންބޮޑުވެއްޖެ

ހަރުކަށި ފިކުރުގެ ބަޔަކު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދަށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ފުރާނަ އަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލާ ނުދާ ކަމަށެވެ.

"އަދި މިފުރުސަތުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމީ ނުހަނު ކަންބޮޑުވާ ކަމެއްް ކަމުގައި ދަންނަވަމެވެ." މަޖިލީހުގެ ބަޔާނުގައިވެ އެވެ.

ހަރުކަށި ފިކުރާ ގުޅޭ ގޮތުން މަޖިލީހުން ބަޔާނެއް ނެރެފައި މިވަނީ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ފުލުހުންނާއި ސިފައިން އައްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިއަދު ހަތް މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.

ހައްޔަރުކުރި އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ފުލުހުން އެކަމުގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ސީޕީ މުހައްމަދު ހަމީދާއި ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް ހޯދައި ބަލައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ސަލާމަތީ ބާރުތަކުން ދަނީ ބުނަމުންނެވެ.