ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދޭން ދުވަސްތަކަށް މާދަމާއިން ފެށިގެން ބަދަލު ގެނައުމަށް ނިންމައިފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި އެމްއެމްއޭގެ އެންގުމާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި މާދަމާ އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
މި މުއްދަތުގައި ބީއެމްއެލްގެ ބްރާންޗް ތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ހަމަޖައްސާފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށެވެ.
ބީއެމްއެލް އިން ބުނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.
މާލޭގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގައިގެން ހިދުމަތް ހޯދުމަށާއި ބޭންކަށް އައުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކް ކުރުމަށްވެސް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށެވެ. މީގެ އިތުރުން ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ވެސް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބޭންކުން ބުނެ އެވެ.
"އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށެވެ. އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިން ހިދުމަތް ހޯއްދެވުމަށާއި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރެއްވުމަށެވެ" ބީއެމްއެލްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.