ޓެކްނޯލޮޖީ

ޓްވިޓާ ޑީއެމް ސާޗް: އައިއޯއެސްއިން ދެއަހަރު ފަހުން އެންޑްރޮއިޑަށް

ޓްވިޓާގައި ކުރިން ކޮށްފައި ހުރި މެސެޖުތަކުން މެސެޖެއް ހޯދަން ޗެޓް ލޮގް ކޮޅުކޮޅަށް ސްކްރޯލްކުރުން އުނދަގޫ ކަމަކަށް ވާނެ އެވެ. އެންޑްރޮއިޑް ޓްވިޓާ ބޭނުންކުރާ މީހުން މި އުނދަގޫ ތަހަންމަލްކޮށްފި އެވެ. ކުރިން ދެއްކިފަ ހުންނަ ވާހަކައެއް ފަސޭހަ ކަމާއެކީ ހޯދާލާ ވަސީލަތެއް ހުރުމަކީ ޓްވިޓާ ފަދަ ނަން ހިނގާ އެޕަކަށް ލާޒިމީ ފީޗާއެކެވެ. އެންޑްރޮއިޑް ޓްވީޓާއަށް މި ފީޗާ ލިބޭނެ ކަމަށް ބުނެފައިވާއިރު އައިފޯނުތަކުގައި މިފީޗާ ބޭނުން ކުރާތާ ދެއަހަރު ވެއްޖެ އެވެ.

އެންޑްރޮއިޑް ޓްވިޓާއަށް ޑީއެމް ސާޗް ލިއްބައިދިން ނަމަވެސް މި ފީޗާ ބޭނުންކުރާ މީހުންނަށް ފަސޭހަ ކޮށްދިނުމަށް ޓްވިޓާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެންޑްރޮއިޑް ޓްވިޓާއަށް މިފަހަރު ގެނެސްދިން ކުރިއެރުމެއް ގޮތުގައި ޑީއެމް ސާޗް ހިމެނި ނަމަވެސް، ވަކި ލަފުޒަކުން މެސެޖެއް ނުހޯދެ އެވެ. މިވަގުތު ޓްވިޓާގައި ހޯދައިދެނީ ހަމައެކަނި ވާހަކަ ދެކިފައި ހުންނަ މީހުންގެ ނަންތަކެވެ.

ފޭސްބުކް މެސެންޖާ އަދި ވަޓްސްއެޕް ފަދަ މެސްޖިން ޕްލެޓްފޯމްތަކާ ފެންވަރުގެ ގޮތުން ބަލާއިރު ޓްވިޓާއަށް މިފީޗާ ގެނެސްފައި ވަނީ ދެރަވަރު ފީޗާއެއް ގޮތުގަ އެވެ. ވާދަވެރިންނާ އަޅާ ވެސް ނުކުޔޭހާ ދެރަ ކޮށެވެ.

ޑައިރެކްޓް ސާޗް މުއްސަނދި ފީޗާއަކަށް ހެދުމަށް ޓްވިޓާއިން މަސައްކަތް ކުރާނެ އެވެ. ވާހަކަތައް ހުރީ އުންމީދު އާވާ ގޮތަށެވެ. ގަބޫލު ކުރެވެނީ ވާދަވެރި އެޕްލިކޭޝަންތަކާ އެއް ހަމައަކުން މިފީޗާ ޓްވިޓާގައި ވެސް ގާއި މުކުރާނެ ކަމަށެވެ.