ޓެކްނޯލޮޖީ

އައިޓީ ސެކިޔުރިޓީ އިންޖިނޭރަކު އެޕަލް އެއާޓެގް ހެކްކޮށްފި

އެޕަލް އެއާޓެގް ހެކްކުރެވިދާނެ ކަމަށް އައިޓީ ސެކިޔުރިޓީ ރިސާޗަރަކު ބުނެފި އެވެ. އޭނާ ޓްވީޓާގައި ބުނެފައިވާ ގޮތުން އެއާޓެގްގެ މައިކްރޮކޮންޓްރޯލާއަށް އޭނާ ވަނީ ވަދެފަ އެވެ. މާނައަކީ އެޕަލްއިން ގަސްދުކޮށްފައި ނެތް ކަމެއް އެއާޓެގް ބޭނުންކޮށްގެން އޭނާ އަށް ކުރެވިދާނެ ކަމެވެ.

އެއާޓެގްގެ ބޭނުމަކީ ފަސޭހައި ގެއްލިދާނެހެން ހީވާއެއްޗެއްގައި އަޅުވާލުމެވެ. ތަޅުދަނޑިފައްޗާއި އަތްދަބަސް އަދި ދަތުރުމަތީގައި ގެންގުޅޭ އެހެނިހެން ތަކެތީގައި އެއާޓެގެއް އަޅުވާފައި ބޭއްވުމުން ފައިންޑް މައި އެޕްގެ އެހީގައި އެއެއްޗެއް އޮތް ތަން ދެނެގަނެވެ އެވެ.

އެއާޓެގްގެ މައިކްރޮކޮންޓްރޯލާ އަލުން ޕްރޮގްރާމްކުރެވޭ ގޮތެއް ހެކަރުން ހޯދުމަކީ އެޕަލް ސިހޭނެ ކަމަކަށް ވާނެ އެވެ. އެއީ އެއާޓެގަށް އޮޅުވާލައި ގަސްދުގައި ނެތް ބަދަލެއް ގެނުވައި އެހެން މީހެއްގެ އެއްޗެއް/ ދަބަހެއް ވެރިމީހާ ނޫން މީހަކު ގެންދިއުމަކީ ވެސް އެކަށީގެންވާ ކަމަކަށް ވާތީ އެވެ.

އެއާޓެގަކީ ވަޔަލެސްކޮށް، އެންއެފްސީ އަދި އަލްޓްރާ ވައިޑް ބޭންޑް ޓެކްނޮލޮޖީ ސަޕޯޓްކުރާ ޑިވައިސްއެކެވެ. މިއީ ވެސް އެއާޓެގެއްގެ ތެރެއަށް ހެކަރުން ވަދެވާނެ ދޮރެކެވެ. އެއާޓެގްގެ ވެރިޔާއަށް އެޕަލްއިން ފޮނުވާ ނޮޓިފިކޭޝަން އޮޅުވާލުމަކީ ވެސް ހެކަރުންނަށް މިހާރު ކުރެވިދާނެ ކަމެއްކަން މިއޮތީ ފެންނާށެވެ.