މައިކްރޮސޮފްޓް

މައިކްރޮސޮފްޓްގެ ކޯޓާނާ ގެއްލިއްޖެ

މައިކްރޮސޮފްޓް ޑިޖިޓަލް އެސިސްޓެންޓް ކޯޓާނާ ހުއްޓާލަން އުޅޭ ވާހަކަ އޮންނާނީ އަޑުއިވިފަ އެވެ. އެންޑްރޮއިޑް އަދި އައިއޯއެސްއަށް މިއަހަރު ކޯޓާނާ ހުއްޓާލާނެ ކަމަށް މައިކްރޮސޮފްޓްން އިއުލާންކުރީ މިދިއަ އަހަރު ޖުލައިގަ އެވެ.

ކޯޓާނާ ބޭނުންުކުރާ ހިތުން ހުރި ނަމަވެސް މިހާރު ދެން ކޮށްދެވޭނެ ކަމެއް ނެތެވެ. އެންޑްރޮއިޑް ނުވަތަ އައިއޯއެސް ޑިވައިސްއަކަށް ކޯޓާނާ އިންސްޓޯލް ކުރެވުނު ނަމަވެސް ހުރިހާ މަސައްކަތެއް ފުރިަހަމަ ނުވާނެ ކަމަށް މައިކްރޮސޮފްޓްން އެބަ ބުނެ އެވެ. އަނެއްކޮޅުން ފޯނުގައި މިހާރު އިން ކޯޓާނާ އެޕްލިކޭޝަން މަސައްކަތް ކުރުމާ މެދު ވެސް ޝައްކެވެ.

މައިކްރޮސޮފްޓްއިން ކުރިން އިއުލާންކުރި ގޮތަށް މާރިޗް 31 އަށް ފަހު ކޯޓާނާ މިހާރު ވަނީ އަޅާލުމެއް ނެތި ދޫކޮށްލާފަ އެވެ. އެއްގޮތަކަށް ވެސް މަސައްކަތް ނުކުރާނެ ކަމަކަށް ނުބުނާނަމެވެ. އެކަމަކު ވެސް ހުރިހާ ފީޗާތައް ބޭނުން ކުރެވޭނެ ކަމަކަށް ވެސް ނުބުނާނަމެވެ. މައިކްރޮސޮފްޓްން ބުނީ ކޯޓާނާ އެންޑްރޮއިޑް އަދި އައިއޯއެސްއަށް ދެން ސަޕޯޓް ނުދޭނެ ކަމަށެވެ.

މައިކްރޮސޮފްޓްއިން ނެރުނު ބަޔާނުގައި ވިންޑޯޒް ކޯޓާނާ ވާކައެއް ނެތެވެ. އެހެން ކަމުން ވިންޑޯޒް ކޯޓާނާ ބޭނުން ކުރުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ސްމާޓްފޯންތަކަށް ކޯޓާނާ ހުއްޓާލި ނަމަވެސް، ކޯޓާނާ މޮބައިލްއިން ކޮށްފައި ހުރި ހުރިހާ މަސައްކަތެއް ވިންޑޯޒް ކޯޓާނާއިން ލިބޭ ކަމަށް ވެސް ބުނެ އެވެ.

މައިކްރޮސޮފްޓަށް ކޯޓާނާ ހުއްޓާލަން މަޖުބޫރުވީ ބޭނުންކުރާ މީހުން މަދުވުމުންނެވެ. ވާދަވެރި މާކެޓްގައި ސިރީ، އެލެކްސާ އަދި ގޫގުލް އެސިސްޓެންޑް ފަދަ ބާރުގަދަ ޑިޖިޓަލް އެސިސްޓެންޓްތަކަށް ވުރެ ކުރިއަރައި ދެވޭ ގޮތް ނުވުމުންނެވެ. އެހެން ނަމަވެސް ވިންޑޯޒްގައި ކޯޓާނާ އަދި ދެމި އޮންނާނެ އެވެ.