އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތުގެ ގޮތުގައި މާލެ އިން ހަ މިލިއަން ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު މާލެއިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މާލެ ސަރަހައްދުން ފިތުރު ޒަކާތުގެ ގޮތުގައި 6،746،896ރ. ވަނީ ލިބިފަ އެވެ. ޒަކާތް ދައްކާފައި ވަނީ 1،64،392 މީހުންނެވެ.

ޒަކާތު ފައިސާ ފަގީރުންގެ ދަފްތަރުގައި މިއަހަރު ރަޖިސްޓަރީވި މީހުންނަށް އީދު ދުވަހުގެ ކުރިން ބަހާފައި ވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މާލެ ސަރަހައްދުގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވަނީ 1498 މީހުންނެވެ. އޭގެ ތެރެއިން 1494 މީހުންނަށް ޒަކާތް ބަހާފައިވެ އެވެ. އެގޮތުން މާލޭގައި ފަގީރުންގެ ދަފްތަރުގައި ތިބި 99.73 ޕަސެންޓް މީހުންނަށް މިހާރު ވަނީ ފައިސާ ބަހާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެއިން ފަގީރުންނަށް ބަހާފައިވަނީ ހަ މިލިއަން ދެ ލައްކަ ރުފިޔާ ކަމަށެވެ. ދެން ހުރި ފައިސާ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ބަހާފައިވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންނަށެވެ.

ފިތުރު ޒަކާތުގެ ހަތަރު އަހަރުގެ ތަފާސް ހިސާބު

  • 2018: 4،453،108ރ. (ބޮލަކަށް 1300ރ.)
  • 2019: 5،651،268ރ. (ބޮލަކަށް 5000ރ.)
  • 2020: 6،649،697ރ. (ބޮލަކަށް 3800ރ.)
  • 2021: 6،746،896ރ. (ބޮލަކަށް 4200ރ.)

މާލެ ފިޔަވައި އަތޮޅު ތަކުން ފިތުރު ޒަކާތް ދެއްކި މީހުންނާއި ފަގީރުންގެ އަދަދު އެނގޭނީ އެރަށްރަށުގެ ކައުންސިލްތަކުން އެ މައުލޫމާތު ހިއްސާ ކުރުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެރަށަކުން ޒަކާތުގެ ގޮތުގައި ނަގާ ފައިސާ އެރަށެއްގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް ބަހާއިރު އެކި ރަށުގައި ބޮލަކަށް ޖެހޭ އަދަދު ތަފާތުވެ އެވެ.