ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދާދި ފަހުން ހަވާލުވި ސާބިއާގެ ކޯޗު ކުއްލި ގޮތަކަށް އެނބުރި ގައުމަށް ހިނގައްޖެ އެވެ.
އެންމެ ހަތަރު މެޗަށް ފަހު ކޯޗު އެނބުރި ގައުމަށް ގޮސްފައިވާއިރު ނިއުގެ ބައެއް ކުޅުންތެރިން ބުނީ ކޯޗު އެނބުރި އަންނާނެ ކަމާމެދު ޝައްކު ކަމަށެވެ. އަދި ކޯޗު ދިޔައީ އޭނާގެ އަންހެނުން ބަލިވެގެން ކަމަށްވެ އެވެ.
ތަޖިކިސްތާނާއި ސްރީލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ނިއުގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އޭނާގެ ކޯޗުކަމުގައި ނިއު މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ވެލެންސިއާ އަތުން ވަނީ ބަލިވެފަ އެވެ.
މިސީޒަނުގައި މިހާތަނަށް ހަތަރު ކޯޗަކު އައްޔަންކޮށްފައިވާ ނިއުރޭޑިއަންޓާ ކަވަޒޮވިޗް ހަވާލުވިއިރު ވެސް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ޓީމު މިވަގުތު ވެސް އޮތީ އެއްވަނާގަ އެވެ. ނިއު އަށް 23 ޕޮއިންޓް ލިބިފައިވާއިރު އެންމެ ގާތުން ވާދަކުރާ ޓީސީ އޮތީ 21 ޕޮއިންޓާއެކުގަ އެވެ.
އަންނަ އަހަރު އޭއެފްސީ ކަޕުން ޖާގަ ހޯދުމަށް ނިއު އަށް މިދިޔަ ތިން އަހަރު އެ ޓީމު ހޯދި ލީގު ކާމިޔާބު ކުރަންޖެހެ އެވެ. ނިއު އަށް ވަނީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ގެއްލިފަ އެވެ. އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ބަލިވީ މާޒިޔާ އަތުން 3-1އިންނެވެ.