ވިޔަފާރި

ސިޔާސީ މީހުންގެ އާއިލާ ބޭންކުގެ ބޯޑަށް!

May 17, 2021

ބޭންކްތަކަކީ ސިޔާސީ ނުފޫޒުން އެއް ކިބާވެ މިނިވަން ކަމާއެކު ހިންގަން ޖެހޭ ތަންތަނެވެ. ސަބަބަކީ މާލީ މިނިވަންކަން ދެމެހެއްޓުމެވެ. ނަމަވެސް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން "އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނެންސް ރެގިއުލޭޝަނަށް" ގަވައިދަށް ގެނައި އިސްލާހާއެކު ބޭންކްތަކުގެ ބޯޑު ރޫމް ތަކުން ސިޔާސީ މީހުންގެ އާއިލާގެ މީހުނަށް ޖާގަ މިވަނީ ފަހިވެފަ އެވެ.

މާލީ އިދާރާތަކާއި ބޭންކު ތަކުން އަަމަލު ކުރަން ޖެހޭ އުސޫލުތަކުގެ ގަވާއިދު އެމްއެމްއޭ އިން އެކުލަވާލީ މިދިޔަ އަހަރު އެވެ. އެ ގަވައިދުގެ ހެދުމުގެ މަގުސަދަކީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ބޭންކްތައް ހިންގައި ސިޔާސީ ނުފޫޒުން ބޭންކްތައް ސަލާމަތް ކުރުމެވެ. ނަމަވެސް މިހާރު މި ގެނައި އިސްލާހާއެކު އެކަން ބަދަލު ވެގެން ދާނެ ކަމަށް ބެލެވެ އެވެ.

މި ގަވައިދު ކުރިން އޮތް ގޮތުން ބޯޑުގައި ތިބުން މަނާ ސިޔާސީ މަގާމުތަކުގެ ތެރޭގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ މަގާމު ތަކަށް ރައީސް އައްޔަން ކުރައްވާ މީހުންގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފުރާ މީހުންނާއި ކައުންސިލަރުން ވެސް ހިމެނެ އެވެ. އާއިލާގެ ގޮތުގައި އެމްއެމްއޭއިން ބަލާފައި ވަނީ މައިންބަފައިންގެ އިތުރުން އަނބިންނާއި ފިރިންނާއި ދަރިންނެވެ. އަދި އެއްބަނޑު ނޫނީ އެއްބަފާ ކޮއްކޮ އާއި ބޭބެ އަދި ދައްތައަކީ އާއިލާ މެމްބަރުންގެ ގޮތުގައި ނުބަލަ އެވެ.

އިސްލާހާއެކު ތިބެވޭނީ ކޮން ބަޔަކަށް؟

މިހާރު ގެނެސްފައިވާ އިސްލާހާއެކު ބައެއް ސިޔާސީ މީހުންގެ އާއިލާ މެމްބަރުންނަށް ބޭންކް ބޯޑު ތަކުން ޖާގަ ލިބޭނެ އެވެ. މިހާރު ޖާގަ ލިބޭ ލިސްޓުގައި ހިމެނެނީ މާލީ ގޮތުން ގިނަ ބާރުތަކެއް ދީ ދާދި ފަހުން ހޮވި ސިޓީ އާއި އަތޮޅު ނުވަތަ ރަށު ކައުންސިލަރުންގެ އާއިލާގެ މެންބަރުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ އާއިލާ މީހުންނާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ އާއިލާ އަށް ބޭންކެއްގެ ބޯޑުގައި ހުރެވިދާނެ އެވެ.

ގަވައިދު އިސްލާހު ގެނައި ނަމަވެސް ކައުންސިލަރުންނާއި ސިޔާސީ ޕާޓީގެ ވެރިންގެ އާއިލާ ފިޔަވައި އެހެން ސިޔާސީ މަގާމެއްގައި ހުންނަ މީހަކަށް ބޭންކް ބޯޑު ތަކުން ފުރުސަތެއް ނުތިބެވޭނެ އެވެ. ނުތިބެވޭނެ މީހުންގެ ތެރޭގައި ކެބިނެޓް ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ އާއިލާތައް ހިމެނެ އެވެ.


އެމްއެމްއޭ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ގަވައިދަށް ބަދަލު ގެނައީ ބޭންކްތަކުގެ ވެސް އެދުމުގެ މަތިން ގާބިލް މީހުންނަށް ފުރުސަތު ހަނިވާތީ އެވެ.

"ކުރިން ގަވާއިދު އޮތް ގޮތުން ގިނަ ބަޔަކަށް އެ ފުރުސަތު ގެއްލޭ. އެ ޝަކުވާ ބޭންކް ތަކުން ކުރޭ. ގަވާއިދު އިސްލާހު ކުރީ އެހެންވެ، ގަވައިދަަށް ބަދަލު ގެނައީ އައިއެމްއެފްގެ ލަފާ ލިބިގެން ރާއްޖޭގެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އުސޫލަށް ފެތޭ ގޮތަށް ގެނައި އިސްލާހެއް،" އެމްއެމްއޭ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.