ނަޝީދަށް އަމާޒު ކުރި ހަމަލަ

ކެނެރީގެ ހުންނަ ގޯޅީގައި ވެހިކަލް ޕާކް ކުރުން މަނާކޮށްފި

May 16, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ވެހިކަލް ޕާކް ނުކުރެވޭ ގޮތް ހަދައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާ އިން އެގޮތަށް އަމަލުކޮށްފައި މިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

ނީލޯފަރު ހިނގުމުގައި ވެހިކަލް ޕާކް ކުރުން މަނާކުރީ އެ މަގުގައި ޕާކް ކުރާ ވެހިކަލްތަކަށް ގ. ބިއްލޫރިޖެހީގޭގެ ގޯތިތެރޭގައިވާ ހުސް ޖާގައިގައި ޕާކިން ޒޯނެއް ހަދައިދިނުމަށްފަހު އެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ބިއްލޫރިގޭގައި ޕާކިން ޒޯނެއް ހެދީ ނީލޯފަރު ހިނގުމުގައި ވެހިކަލަށް ޕާކް ނުކުރެވޭ ގޮތް ހަދައިދިނުމަށް އެމްއެންޑީއެފުން މާލެ ސިޓީ ކައުންސިލްގައި އެދުމުން ޕްލޭނިން މިނިސްޓްރީން އެކަމަށް ހުއްދަ ދީގެންނެވެ.

އެކަމަކު ޕާކިން އޭރިއާ ހަދާ ނިންމާފައި މިވަނީ އެ މަސައްކަތް ފެށުމަށް ޕްލޭނިން މިނިސްޓްރީން ހުއްދަ ނުދީ އޮއްވާ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއަށް އަމާޒުވެފައިވެ އެވެ.

ހަމަލާގެ ފަހުން ވަނީ މާލެ ސިޓީ ކައުންސިލުން މާޗް 23، 2021 ގައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި ލީކް ކޮށްލާފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެވަގުތު އެމަނިކުފާނު ވަޑައިގެންނެވީ ސައިކަލާ ދާދި ކައިރީގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށެވެ.

ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި އެމަނިކުފާނުގެ ސާޖަރީތަކެއް ހެދުމަށްފަހު މިވަގުތު އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަންގެ ބާލިންގެ ހޮސްޕިޓަލެއްގަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހަމަލާއާއި ގުޅުންހުރި އިތުރު ބަޔަކު ތިބި ފުލުހުން ދަނީ ތުހުމަތުކުރަމުންނެވެ.