އޯއައިސީ

އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން ރާއްޖެއިން ގޮވާލައިފި

May 16, 2021

އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ އާއްމުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވާޗުއަލް ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ސައުދީ އަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި އިޒްރޭލު ސިފައިން ހިފާފައިވާ އިރުމަތީ ގުދުސް އަދި ގާޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ކުށްވެރިކުރެއްވި އެވެ.

ޝައިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަޤްސޯގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ހަމަލާދިނުމާއި އަދި މެދުކެނޑުމެއްނެތި އިޒްރޭލުން ގާޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އަދި އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއް ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު ބައިނަލްއަގްވާމީ ގޮތުން އެއްބަސްވެވިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމުކުރުން ކަމަށެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ރާއްޖެއިން ބަލައިގަންނަ ކަމަަށްވެސް ވިދާޅުވެފައިވެ އެވެ.

އޯއައިސީގެ ބައްދަލުވުން ނިންމާލާފައިވަނީ ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާ އަދި އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެކުލަވާލުމަށްފަހު އެވެ.

އޯއައިސީގެ މެންބަރުންގެ ގޮތުގައި 57 ގައުމު ހިމެނޭއިރު އެޖަމާއަތުން ވެސް ގެންދަނީ އިޒްރޭލާއި ފަލަސްތީންގެ މައްސަލަ އަށް އޮތް ހައްލަކީ މިނިވަން ދެ ދައުލަތް ގާއިމުކުރުން ކަމަށް ބުނަމުންނެވެ. ނަމަވެސް ފަލަސްތީންގެ ހައްގުގައި އޯއައިސީއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ބުނެ އެތައް މުސްލިމުންނެއް ދަނީ އޯއައިސީ އަށް ފާޑު ކިޔަމުންނެެވެ.